ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވެއްޖެ

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓުގައި ވާގޮތުން ފާއިތުވި ޖެނުއަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 14 ޕަސެންޓު އިތުރުވެފައެވެ. ފަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރ ިރޭގެ އަދަދުވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ ޔޫރަޕުން، ހާއްސަކޮށް ރަޝިއާ އަދި އިޓަލީ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. އެ މުއްދަތުގައި ފްރާންސް ފިޔަވައި ޔޫރަޕުގެ އެހެން ގައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާ އާއި ޗައިނާ އިންވެސް މިދިޔަ ޖެނުއަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި މުއްދަތުގައި ރާއްޖޭގައި ހުރި އޮޕަރޭޝަނަލް ބެޑުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާޢިރު 14 ޕަސެންޓު އިތުރުވިނަމަވެސް، 2019 ވަނަ އަހަރާ އަޅާބަލާއިރު އޮކިޔުޕެންސީ ރޭޓް ތިން ޕަސެންޓް ދަށްވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. 2019 އަހަރުގެ ޖެނުއަރީމަހު އެވްރެޖު އޮކިޔުޕެންސީ ހުރީ 73 ޕަސެންޓުގައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ޖެނުއަރީމަހު މި އޮކިޔުޕެންސީ ރޭޓު ހުރީ 70 ޕަސެންޓުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިދިޔަ މަހު ކުރިއެރުން އައި ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއެކު ޗައިނާ އިން އަންނަ ފްލައިޓުތައް ވަނީ މެދުކަނޑާލައިފައެވެ. ޗައިނާ އިން ރާއްޖެ އަންނަ މީހުން ގެނައުން މެދުކަނޑާލާފައިވާއިރު މީގެ އަސަރު ފަތުރުވެރިކަމަށްވެސް ކުރާނެއެވެ.

comment ކޮމެންޓް