ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް މިނިސްޓަރު އަމީން ފައްޓަވައިދެއްވަނީ --- ފޮޓޯ: ހެލްތު މިނިސްޓްރީ

ނ. ލަންދޫގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެރަށުގެ ސިއްހީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމއިްޔާތެއްގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ނ. ލަންދޫއަކީ ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ހިދުމަތް ހޯދަމުން އައީ ނ. އަތޮޅު ހޮސްޕިޓަލުންނެވެ.

އެހެންކަމުން، ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަަށް މިނިސްޓްރީން ބުންޏެވެ.

ލަންދޫގައި ލެބޯޓަރީ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ލަންދޫގައި ތެލަސީމިޔާ ބަލި ހުންނަ ލޭ އަޅާ ހަތަރުކުދިން އުޅެ އެވެ. އެހެންކަމުން ރަށުގައި ލެބޯޓަރީގެ ހިދުމަތް ފެށުމުން އެކުދިންނަށް ފަރުވާ ދިނުމުގައި ލުއިފަސޭހަވެގެންދާނެ އެވެ.

އޭގެ އިތުރުން ހަމަ އެއަތޮޅުގެ މާޅެންދޫގައިވެސް ލޭ އަޅާ ތިންު ކުދިންނާއި މާފަރުގައި ހަތަރު ކުދިން އުޅެ އެވެ. ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ފެށިގެން ދިއުމާއެކު މީގެކުރިން މިކުދިން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެކަން ހެލްތު މިނިސްޓްރީން ފާހަގަކުރި އެވެ.

ލަންދޫގައި ލެބޯޓަރީ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ--- ފޮޓޯ: ހެލްތު މިނިސްޓްރީ

ނ. އަތޮޅުގައި މިހާރު ލެބޯރޓްރީގެ ހިދުމަތް ލިބެނީ ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ) އާއި ނ. ވެލިދޫ ސިއްހީ މަރުކަޒާއި ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ އިތުރުން ހޮޅުދޫ ސިއްހީ މަރުކަޒުންނެވެ.

comment ކޮމެންޓް