ނަރުދަމާގެ ހިދުމަތް ނުދެވުނީ ސްޓެލްކޯގެ މައްސަލައަކުން ނޫން

ކ.ހިންމަފުށި މަތިން ނަގާފައިވާ ފޮޓޯއެއް--ސަން ފައިލް ފޮޓޯ

ކ. ހިންމަފުށްޓާއި ކ. ތުލުސްދޫގައި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވީ އެ ދެ ރަށުގައި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްފައި ނުވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ދެ ރަށުގައި ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންގެ ޝަރުތުތަކުގައިވާ ގޮތަށް އަދިވެސް ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ 5000ރ. އިން ސްޓެލްކޯ ޖޫރިމަނާކޮށްފަ އެވެ.

https://sun.mv/132138

ހިންމަފުއްޓާއި ތުލުސްދޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އެއާ ގުޅުން ހުރި އާންމު ނަރުދަމާގެ ހިދުމަތްތައް ދިނުމާއިއެކު ލައިސަންސްގެ ޓާމްތަކާއި ކޮންޑިޝަންތަކަށް އަމަލުކުރުމަށް ޝަރުތުކޮށް ސްޓެލްކޯއަށް އޮޕަރޭޓިން ލައިސަންސް ވަނީ ދޫކޮށް ފައެވެ.

ސްޓެލްކޯއިން ބުނީ އެ ދެ ރަށުގެ ނަރުދަމާއާ ހަވާލުވުމުގައި އެކުންފުނީގެ އެއްވެސް އިއުތިރާޒެއް އޮތްނަމަ އެކަން އަންގަން ދިން މުއްދަތުގައި އެ މަސައްކަތަކީ ފުރިހަމަކޮށްފައިވާ މަސައްކަތަކަށް ނުވާތީ ހިދުމަތް ދިނުމުގައި ހުރި ދަތިތައް ބަޔާންކޮށް، ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.

ހަމައެއާއެކު އޮޕަރޭޓިން ލައިސަންސަށް އެދިފައިވާނީ ފުރިހަމަ ނުކޮށް ހުރި ކަންކަން ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދިނުމުން ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.

"އެހެން ނަމަވެސް އެކަންކަން [އެންވަޔަރަމަންޓް މިނިސްޓްރީން] ކޮށްނުދެއްވައި ދިގުލައިގެން ގޮސް، އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުން، އެންމެ ފަހުން އެކަންކަން ކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން." ސްޓެލްކޯއިން ބުނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދީ ލަސްވުމުގައި ސްޓެލްކޯއިން ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް އެކުންފުނިން ފާހަގަކުރެ އެވެ.

ތުލުސްދޫގެ އޮޕަރޭޓިން ލައިސެންސް ނޮވެންބަރު 13، 2019ގައި ދިން އިރު ޑިސެންބަރު 2، 2019 ގައި ކ. ހިންމަފުށީގެ އޮޕަރޭޓިން ލައިސެންސް ދޫކުރި އެވެ.

ހިންމަފުށްޓާއި ތުލުސްދޫގައި ނަރުދަމާގެ ހިދުމަތް ނުދޭ ކަމަށް ބުނެ ސްޓެލްކޯ ޖޫރިމަނާކުރި ނަމަވެސް، އާންމުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ދިނުމުގައި ސްޓެލްކޯއިން ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

comment ކޮމެންޓް