ކަނޑުހުޅޫދޫ ރޭޕް މައްސަލައިގައި މައިންބަފައިންގެ މައްޗަށް ދައުވާ އުފުލައިފި

ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގއ. ކަނޑުހުޅުދޫގައި އުމުުރުން ދެއަހަރު ނުވާ ތުއްތު ކުއްޖާއަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގައި ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދެ ދައުވާ އެއް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހުން އުފުލައިފި އެވެ.

އެ މައްސަލައިގައި މަންމަ އާއި ބައްޕަގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕިޖީއަށް ފޮނުވީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ. ޕީޖީއިން ބުނީ އެ މައްސަލައިގައި މައިންބަފައިންގެ މައްޗަށް އުފުލާފައި ވަނީ، އިހުމާލުގެ ދެ ދައުވާއެއް ކަމަށެވެ.

ޕީޖީން ކޯޓަށް ދައުވާ ކުރުމަށް ފޮނުވީ، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ އެވެ.

ނަމަވެސް ޕީޖީ އިން ދައުވާ ކުރަނީ ކޮން ބައަކަށް ކަމެއް ހާމައެއް ނުކުރެެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އިހުމާލުގެ ދެ ދައުވާކޮށްފައިވަނީ، ކުޑަ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.

"ސަން"އިން އެ ރަށަށް ކުރި ދަތުރުގައި އެމީހުން ދިރިއުޅެމުން އައި އަންނާރުމާ ގޭގެ ކައިރި، އަވަށްޓެރިން ބުނި ގޮތުގައި، މިކަމުގައި ކުއްޖާގެ މައިންބަފައިންގެ އިހުމާލު ވަރަށްވެސް ބޮޑެވެ. އެގޮތުން އެކަން ހިނގަނީ މަންމައަށްވެސް އެނގިގެން ކަމަށް އަވައްޓެރިން ތުހުމަތު ކުރެ އެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މުނިކާފަ ނިސްބަތްވަނީ ނުފޫޒު ގަދަ އާއިލާއަކަށް ކަމަށް ވުމުން، އޭނާއާ ގުޅޭ ގޮތުން ހުށަހެޅޭ އެއްވެސް މައްސަލައެއް މުއައްސަސާއަކުން ނުބެލޭ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

comment ކޮމެންޓް