ކޮރެއާގައި ތިބި ދިވެހިންގެ ހާލު ރަނގަޅު

ކޮރެއާގައި ބަލި ފެތުރޭތީ ސަލާމަތީ ފިޔަވާޅުތައް ވަނީ ވަރުގަދަ ކޮށްފައި -- ފޮޓޯ: ކޭސީއެންއޭ

ދެކުނު ކޮރެއާގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެގައުމުގައި ދިވެހި ކިޔަވާ ހަ ކުއްޖަކު އެބަތިބި ކަމަށް ކޮރެއާގައި ކިޔަވާ ދަރިވަރުން ބުނެފި އެވެ.

"ސަން" އާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުނީ ދިވެހި ސަރުކާރުން އެކުދިންގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި މިވަގުތަށް ބަލާއިރު ހާލު ރަނގަޅު ކަމަށެވެ.

"މިތިބީ ސޯލް ކައިރީ އޮންނަ ސަރަހައްދެއްގައި. މިތާ އެބަތިބި ހަތަރު ދިވެހި ކުދިން. ކޮރޯނާ އާ އެކު ކޮލެޖުގެ ކިޔެވުން ވެސް ބަންދު ކޮށްފި. މި ސަރަހައްދު އޮތީ ލޮކް ޑައުންގައި. ފިހާރަތައް ވެސް ބަންދު. ގެޔަށް ކާއެއްޗެހި ވައްދައިގެން މި ތިބެނީ،" އޭނާ ބުންޏެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އައުން ވެސް ވަނީ މަނާކޮށްފަ އެވެ. ސައުތު ކޮރެއާއަކީ ޗައިނާއަށް ފަހު ދެން އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގައުމެވެ.

"މިތާ ކައިރި ސަރަހައްދަކުން ސަސްޕެކްޓު ކުރެވޭ މީހަކު ވެސް ވަނީ ފެނިފައި، އެކޭސް އަދި ކޮންފާމް އެއް ނުވޭ. މިތާ ފަސޭހަ ކަމަކީ ޓްރާންސްޕޭރެންޓުކޮށް މައުލޫމާތު ލިބޭ. އެޕްލިކޭޝަން އެއް އެނގޭ ބަލީގެ މައުލޫމާތު ފަސޭހައިން ލިބޭ. މީހަކަށް ބަލި ޖެހިއްޖެ ނަމަ، އޭނާގެ މައުލޫމާތާއި އޭނާ ގޮސް އުޅުނު ތަންތަން އެނގޭނެހެން ނޮޓިފައިކުރޭ. ކޮލެޖުން ވެސް އެ މައުލޫމާތު ފޯރުކޮށްދޭ. އެހެންވެ ވަރަށް ފަސޭހަ. ޕެނިކް އެއް ނުވޭ،" ކޮރެއާ އިން ވާހަކަ ދެއްކި ދަރިވަރަކު ބުންޏެވެ.

ދަރިވަރު ބުނީ ކުއްޖެއްގެ ގައިން ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ އެ ކުއްޖަކު ވަކިން ބަހައްޓައިގެން ފަރުވާ ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

"މިތަނުގެ އިންތިޒާމުތައް ފުރިހަމަކޮށް އޮތީ،" އޭނާ ބުންޏެވެ.

ކޮރެއާގައި ދިރިއުޅޭ ދިވެއްސަކު ބުނީ ހުރިހާ ދިވެހިންނާ ގުޅިފައިވާ ކަމަށާއި، ބޮޑު ކަމެއް ދިމާވެއްޖެ ނަމަ އެންމެން އެކަކު އަނެކަކަށް އެހީވާން ތައްޔާރަށް ތިބި ކަމަށެވެ.

ކޮރެއާގެ ދެ ސަރަހައްދަކުންނާއި އީރާނުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާކަން ސަރުކާރުން އިއުލާނު ކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އީރާން އާ ކޮރެއާގައި އުޅޭ ދިވެހިންގެ ހާލު ގާތުން ބަލަމުން ކަމަށާއި ހާލަތު ވަގުތުން ވަގުތަށް މޮނީޓާ ކުރަމުންދާ ކަމަށެވެ.

"އެގައުމުތަކާއި އަދި އެހެން ގައުމުތަކުގައި ތިބި ދިވެހިން ވެސް އެގައުމުތަކުގައި ނުވަތަ އެގައުމަކާ އެންގެ ކައިރީގައި ހުންނަ ދިވެހި އެމްބަސީ ނޫނީ ހައިކޮމިޝަންގައި ރެޖިސްޓްރީ ކުރުމަށް ހަނދާންކޮށްދެން،" އެ މިނިސްޓްރީ އިން ބުންޏެވެ.

ކޮރެއާގައި ތިބި ދިވެހިން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އަދި އީރާނުގައި އުޅޭ ދިވެއްސެއް ނަމަ ފޮރިން މިނިސްޓްރީގައި ރެޖިސްޓްރީ ވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފަ އެވެ.

comment ކޮމެންޓް