ކުޑަހުވަދޫއާއި ދިއްދޫގައި އަޅާ އާ ހޮސްޕިޓަލެއްގެ ޕްލޭން އިފްތިތާހުކޮށްފި

ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށް މިހާރު ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އަދި ދ. ކުޑަހުވަދޫގައި އާ ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.

އެ ދެ ރަށުގައި މިހާރު ވެސް ހޮސްޕިޓަލް ހުރެ އެވެ. އާ ހޮސްޕިޓަލް އެ ދެ ރަށުގައި އެޅުމުން ކުރިން ހުރި އިމާރާތްތައް ބޭނުމެއް ނުކުރާނެ އެވެ.

މިއަދު މާމިގިރީ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ހޮސްޕިޓަލްގައި ބިނާ ކުރާ ވަސީލަތްތަކުގެ ޕްލޭން ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕްލޭން ތައާރަފުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ދެ ހޮސްޕިޓަލް ވެސް ފަރުމާކޮށްފައި ވަނީ ޒަމާނާ އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތަށެވެ. އެ ހޮސްޕިޓަލްތައް ގާއިމްކޮށް ނިމޭ އިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނިގެންދާނެ އެވެ.

ހއ. ދިއްދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

އޭގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހއ. ދިއްދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ބުނީ އާ ޕްލޭންގެ ދަށުން ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތުތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ ޕްރައިވެޓް ރޫމްތަކާއި ވެއިޓިންގް އޭރިއާތައް ފަރުމާ ކުރެވިފައި ވާނީ އެ މަގްސަދުތައް ހާސިލްވާނޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދު އިފްތިތާހްކުރި ޕްލޭންގެ ދަށުން، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ ބާ އިމާރާތް ތަޅާލައި އެތަނުގައި ވެސް ދިއްދޫ އަދި ކުޑަހުވަދޫގައި ގާއިމްކުރާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި މިހާރު ބޭނުންކުރާ އިމާރާތުގެ ބޮޑު ބައެއް ކުރިއެކޭ ވެސް އެއްގޮތަށް އާ އިމާރާތާއެކު ބޭނުންކުރާނެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރާ ބައިގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ބ. އަތޮޅު ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރާ ބައިގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދު އިފްތިތާހުކުރި ޕްލޭންއާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ މަސައްކަތްތައްކޮށްދޭނެ ބަޔަކު ހޯދަން ވަނީ ދާދި ފަހު އިއުލާން ވެސްކޮށްފަ އެވެ.

comment ކޮމެންޓް