ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ދަސްވާރުގެ ބަދަލުގައި "ހޭވައްލާ"!

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ހުއްޓާލުމަށްފަހު، "ހޭވައްލާ"ގެ ނަމުގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

"ހޭވައްލާ" ޕްރޮގްރާމް ފައްޓަވައިދެއްވީ ރޭ ރ. އުނގޫފާރު ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރޭ އިފްތިތާހް ކުރި ހުނަރު ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމާ ވަރަށް ބޮޑަށް ތަފާތު ޕްރޮގްރާމެކެވެ. މި އަހަރުގެ ޖެނުއަރީ މަހު އެޑިއުކޭޝަނުން ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އެ ޕްރޮގްރާމް އަމާޒުކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް ކަމަށް ވާތީ ގިނަ ދަރިވަރުންތަކެއް ތައުލީމީ ސަފުން ބާކީވެ، އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބުނެ އެވެ.

މިނިސްޓްރީއިން ބުނެފައި ވަނީ، ދަސްވާރު ނިންމާ ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން އެކުދިންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން "ހޭވައްލާ" ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ހުރިހާ ކުދިންނަށެވެ.

ހޭވައްލާ ޕްރޮގްރާމް އިފްތިތާހުކުރުމަށް އުނގޫރުފާރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ހުނަރު އުނގެނެން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހޭވައްލާ ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބޭނެ ކަމަށާއި އަދި މިކަމުގައި ކުއްޖާގެ ތައުލީމީ ފެންވަރަށް ނުބަލާނެ ކަމަށެވެ.

"ދަސްވާރުން ބުނެދިނީ ހުނަރު ޕްރޮގްރާމް ހިންގަނީ ނުކިޔަވާ ދަށް ކުދިންނަށް ކަމަށް. ސިޔާސަ ކުދިންނަށް ކަމަށް. ނަތީޖާއަކަށްވީ ހަގީގަތުގައި ހުނަރު ދަސްކުރަން ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ނުލިބުން. ހުނަރުވެރިން ލިބުން މަދުވުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ކޮންމެސް ހުނަރެއް ލިބިފައިވާ ކުއްޖެއް ކަމަށާއި، އެފަދަ ހުނަރުތައް ތަރައްގީކުރުމުގައި ކުދިންނަށް ބޭނުންވާ އެއްބާރުލުން ހުރިހާ ފަރާތްތަކުން ވެސް ދޭންޖެހޭ ކަމަށެވެ.

ހުނަރު ދަސްކޮށްދިނުމަކީ ސްކޫލުގެ ނިޒާމީ ތައުލީމުގެ ބައިގެ ތެރެއިން މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، "ހޭވައްލާ" ޕްރޮގްރާމް ކުރިއަށްދާނީ މަތީ ސާނަވީ މަރުހަލާގެ ކިޔެވުން ފެށުމާ ދޭތެރޭ ލިބޭ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގަ އެވެ.

އެ މުއްދަތުގައި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ތަފާތު މަސައްކަތްތަކާއި ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށާއި އެގޮތުން ދަރިވަރުން ދަސްކުރާ ހުނަރުތަކުގެ ފައިދާ އެކުދިން އަމިއްލަ ދިރިއުޅުމެއް ފަށާއިރު ކުރަންޖެހޭ އާންމު މަސައްކަތްތަކަށް ގާބިލުކަން އިތުރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހޭވައްލާ ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ މަސައްކަތު ހުނަރު ކަނޑައަޅާނީ އެ މުޖުތަމައެއްގައި އާންމުކޮށް ކުރާ މަސައްކަތްތަކާއި ލިބެންހުރި ވަސީލަތްތަކަށް ބަލައި ސްކޫލުންނެވެ.

އެޑިއުކޭޝަނުން ބުނީ ހޭވައްލާ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުން ހުނަރު ދަސްކުރުމަށް ޝައުގު އުފެދި އަދި ދިރިއުޅުން ކާމިޔާބުކުރުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކުގެ ހުނަރު އެދަރިވަރަކު ދިރިއުޅޭ މާހައުލުން ފަހިވެގެންދާނެ ކަމަށެވެ.

ރޭ ފެށި "ހޭވައްލާ" ޕްރޮގްރާމް ރާއްޖޭގެ 20 ސްކޫލެއްގައި ކުރިއަށް ގެންދަން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން 250 ކުދިން ހުނަރު ދަސްކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ބައެއް ސްކޫލުތަކުން ވަނީ މިދިޔަ އަހަރު ސާނަވީ އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން ހުނަރު ޕްރޮގްރާމުގެ ދަށުން ކުންފުނިތަކުގައި އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މަތީ ސާނަވީގެ ކިޔެވުން ފެށެން ތައްޔާރުވެފައިވުމާ އެކު، މިއަހަރު ހޭވައްލާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭލެވެލް ނުހަދާ ދަރިވަރުންނަށާއި، މިވަގުތު އެއްވެސް ކޯހެއްގައި ނޫޅޭ ދަރިވަރުންނަށެވެ.

ހޭވައްލާ ޕްރޮގްރާމްގެ ދަށުން، އެމްޑަބްލިއުއެސްސީ، އެމްއޭސީއެލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ސްޓެލްކޯ، ފެނަކަ އަދި އެސްޓީއޯ ފަދަ ކުންފުނިތަކުން އިންޓާންޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ދަސްވާރަކީ ސްކޫލް ނިންމައިގެން ނުކުންނަ ކުދިން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން ފެށި ޕްރޮގްރާމެކެވެ.

އެޕްރޮގްރާމުގައި ދަރިވަރުން ތަމްރީނު ކުރާ ދާއިރާތަކުގެ ތެރޭގައި ހޮސްޕިޓޭލިޓީ އާއި އައިޓީ އާއި ޓުއާ ގައިޑިން އާއި އޮފީސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ. ދަސްވާރުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކުންފުންތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް