ރޫބިކްސް ކިއުބުތަކުން ހަދާފައިވާ މޮނަ ލީސާ ބައި މިލިއަނަށް ވިކިއްޖެ

މޮނަ ލީސާގެ އާޓްވޯކް ހެދުމަށްޓަކައި 300 ރޫބިކްސް ކިއުބު ބޭނުންކޮށްފައިވޭ --- ފޮޓޯ : އެމްއެސްއެން

ރޫބިކްސް ކިއުބުތަކެއް ބޭނުންކޮށްގެން، ތައްޔާރުކޮށްފައިވާ މޮނަ ލީސާގެ އާޓްވޯކްއެއް، ގާތްގަނޑަކަށް ބައި މިލިއަން ޔޫރޯއަށް ވިކިއްޖެ އެވެ.

ޕެރިސްގައި ދާދިފަހުން ބޭއްވި ހަފްލާއެއްގައި އެ އާޓްވޯކު ނީލަން ކިޔައި ވިއްކާލާފައިވަނީ 480،000 ޔޫރޯއަށެވެ. އެ އާޓްވޯކް ހެދުމަށް ގާތްގަނޑަކަށް 300 ރޫބިކްސް ކިއުބު ބޭނުންވި އެވެ.

މޮނަ ލީސާގެ އާޓްވޯކް ތައްޔާރުކޮށްފައިވަނީ ފްރެންޗު ސްޓްރީޓް އާޓިސްޓެއް ކަމަށްވާ ފްރޭންކް ސްލާމާ އެވެ. އޭނާއަކީ ޕިކްސެލޭޓެޑް އާޓްވޯކް ހަދައިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އާޓިސްޓެކެވެ.

"އިންވޭޑާ"ގެ ނަމުގައި އާޓްވޯކް ތައްޔާރުކުރާ ފްރޭންކުގެ މޮނަ ލީސާގެ އާޓްވޯކް ވިއްކާލުމަށް ހަމަޖައްސާފައިވަނީ ފުރަތަމަ 120،000 ޔޫރޯއަށެވެ. އެހެންނަމަވެސް ނީލަމަށް ލުމާއެކު އާޓްވޯކުގެ އަގު އުފުލިގެން ދިޔައެވެ.

ރޫބިކް ކިއުބުތައް ބޭނުންކޮށްގެން ފްރޭންކު މޮނަ ލީސާގެ އާޓްވޯކެއް ތައްޔާރުކޮށްފައިވަނީ 2005 ގައެވެ.

އޭނާ އަކީ ރޫބިކްސް ކިއުބު ބޭނުންކޮށްގެން އާޓްވޯކު ތައްޔާރުކުރުން މަޝްހޫރުކުރި އާޓިސްޓެކެވެ.

comment ކޮމެންޓް