ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަވެދާނެތީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ރޮޒައިނާ: ކައުންސިލް އިންތިހާބުގެ ގާނޫނަށް ރޮޒައިނާ ވަނީ އިސްލާހެއް ހުށަހަޅުއްވާފައި --- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ.

ރޮޒައިން ހުށަހެޅުއްވީ، އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހެ އެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ކައުންސިލް ރައީސް އަދި ސިޓީތަކުގެ މޭޔަރުންނައަކީ ވަކިން އިންތިހާބު ކުރަން ޖެހޭ މީހުންނެވެ. އެގޮތުން މިފަހަރު އިންތިހާބުގެ ވޯޓު ކަރުދާހުގައި ކައުންސިލް ރައީސް، އަންނަހެނުނަށް ހާއްސަ ކުރާ ޖާގަ އަދި މެމްބަރުންގެ ވޯޓުލާން ޖެހޭނީ އެއް ކަރުދާހެއްގަ އެވެ. ޖުމްލަ ތިން މަގާމަކަށް އެ ކަރުދާހުގައި ވޮޓުލާން ޖެހެ އެވެ. ސިޓީތަކުން ނަމަ، މޭޔަރުގެ ވޯޓާއި ދާއިރާގެ މެމްބަރުގެ ވޯޓުވެސް އޮންނާނީ އެއް ކަރުދާހެއްގަ އެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހާއެކު ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހާފި ނަމަ، ބާތިލް ވާނީ އެ ވޯޓުގެ އެ މަގާމެއްގެ ވޯޓެވެ. މުޅި ކަރުދާސް ބާތިލުވެގެން ނުދާނެ އެވެ.

އެ ބިލް ރޮޒައިނާ ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ވޯޓު ކަރުދާސް ކޮޅުތަކުގައި، އެއް ކަރުދާހެއްގައި އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ވޯޓުލާ ހާލަތެއްގައި އެއް ވޯޓު ބާތިލުވުމުން ދެން ހުރި ވޯޓުތައްވެސް ބާތިލުވެދާނެ ހާލަތެއް ކުރިމަތިނުވާނެ ގޮތަކަށް ގާނޫނު ބައްޓަންކުރުމެވެ.

"މިސާލަކަށް، ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސް، ރަށުކައުންސިލްގެ ރައީސް، ކައުންސިލަރުން އަދި އަންހެނުންނަށް ހާއްސަ ގޮނޑީގެ ކައުންސިލަރުންނަށް ވޯޓުލާއިރު، ރަށު ކައުންސިލް ރައީސަށް ލާ ވޯޓު ބާތިލުވާ ހިސާބުން މުޅި ވޯޓު ކަރުދާސް ބާތިލު ވާގޮތަށް އޮތުމުން އޭގަ ދެން އޮތް ކައުންސިލަރުންގެ ވޯޓާއި އަންހެން ކައުންސިލަރުންގެ ވޯޓުވެސް ބާތިލުވެގެންދާނެ ކަމަށް،" ރޮޒައިނާ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، މަޖިލިސް ގަވައިދުގައި ބުނާގޮތުން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ފެށުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ.

މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ގަވައިދުގައި އެ މުއްދަތު ކުޑަ ކުރުމަށް މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވާނަމަ އެއީ އިސްތިސްނާ ހާލަތެއް ކަމަށް ބަލައި، ތިން ދުވަސް ކުޑަކުރުމަށް ޖާގަ އެބައޮތް ކަމަށެވެ.

"އިސްލާހު ގުޅިފައިވަނީ ވޯޓު ކަރުދާސްކޮޅުގައި ނަންތައް ލިޔެފައި ހުންނަގޮތުގެ ސަބަބުން ބާތިލް ވޯޓުގެ އަދަދު އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން. އެހެންވީމާ އެ މައްސަލައަކީ މިމަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރ އެއްބަސްވެ ވަޑައިގެންނަވާނަމަ ހަތް ދުވަހުގެ ބަދަލުގައި އިބްތިދާއީ ބަހުސް ފެށުމަށް ތިން ދުވަސް ދެވިދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިބްތިދާއީ ބަހުސަށް ފަހު، ވަގުތު ސަލާމަތް ކުރުމުގެ ގޮތުން މުޅި މަޖިލިސް ކޮމިޓީއަކަށް ގޮސްގެން އެ ބިލް ދިރާސާކުރެވިދާނެ ކަމަށެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު އެވެ. އެ އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ވަނީ ހަމަވެފަ އެވެ. މިހާރު ކުރިއަށް ދަނީ ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ މަރުހަލާ އެވެ.

comment ކޮމެންޓް