ހަރަދުތައް މެނޭޖުކުރާ ކޮންސަލަޓެންޓަކު ހޯދަނީ މަގާމު ހުސްވާތީ: އަމީރު

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފިނޭންސް މިނިސްޓްރީ އިން އެކްސޕެންޑިޗާ ޕޮލިސީ ކޮންސަލްޓެއްޓެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް މިނިސްޓަރު އިބްރާހިމް އަމީރު ޖަވާބު ދެއްވައިފި އެވެ.

މިމަހުގެ 23 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗާ ޕޮލިސީ ޔުނިޓެއް ގާއިމުކޮށް އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮޮށްފައިވާ އަދި އެފަދަ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި އިއުލާނާއެކު ސަރުކާރުގެ ހަރަދުތައް މެނޭޖު ނުކުރެވޭ ކަމަށާއި އިތުރު މަގާމުތައް ހަދައިގެން ރައްޔިތުންގެ ފައިސާ ބޭކާރު ކުރަނީ ކަމަށްބުނެ ފާޑު ކިޔާފައި ވެއެވެ. އަދި ކޮންސަލްޓެންޓުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކަމަށް ބުނެވެސް ވަނީ ފާޑު ކިޔައިފަ އެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަހާއެކު ދުނިޔޭގެ އިގުތިސާދަށް އައިސްދާނެ ހީނަރު ކަމަކަށްޓަކާ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް އިން އެހެން އިދާރާތަކަށް އަންގާފައިވަނިކޮށް ބޮޑު މުސާރައެއް ލިބޭ މަގާމަކަށް މީހަކު ހޯދުމަށް ފިނޭންސް އިން އިއުލާނު ކުރުމުން ވެސް ވަނީ ފާޑު ކިޔައިފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފައިވަނީ މިހާރު އެ މަގާމުގައި ހުރި ފަރާތް ވަކިވާތީ ކަމަށެވެ.

"މިއީ އިތުރު ހަރަދެއް ނޫން، މިއީ ބަޖެޓު ކޮށްފައިވާ ހަރަދެއް. މިއީ ހަރަދާއި ބެހޭ ސިޔާސަތުތައް ދިރާސާކޮށް އެކުލަވާލައި، އޮފީސްތަކަށް ރިސޯސް ފޯރުކޮށްދީ، ފިސްކަލް ޕޮލިސީ އެކުލަވާލައި ބަޖެޓް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް މިހާރުވެސް އަދާކުރަމުން ގެންދާ ފަރާތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންސަލްޓެންޓުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް