އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނީ 2020 އަދި 2021 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯދުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާ ދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރަކު ހޯދަން އިއުލާނުކޮށްފައިވާ އިރު އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނީގެ ހިންގާ ގަވައިދު ބުނާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރަނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނު ކުރަނީ ހަ ޑިރެކްޓަރުންނެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރުއަޅާ ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ހިއްސާދާރަކަށް ވާންޖެހެނެ ކަަށާއި އުމުރުން 30 އަހަރު ވެފައިވާ، ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން ދަށްވެގެން ޑިގްރީއެއް ހާސިލްކޮށް މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެެވެ.

އަދި މަގާމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 19ގެ ކުރިން އެސްޓީއޯ އަށް ފޯމު ހުށަހަޅަން ޖެހެ އެވެ.

އެސްޓީއޯ އިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެފަރާތްތަކާ އެކު އިންޓަވިއުކުރުމަށް ފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އާންމު ހިއްސާދާރުން ތަމްޞީލުކުރާ ޑިރެކްޓަރު ހޮވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

comment ކޮމެންޓް