މާޒިޔާގެ އެސިސްޓެންޓް ކޯޗަށް އޭއެފްސީން އަދަބު ދީފި

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީއާއި އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު --- ފޮޓޯ// މާޒިޔާ

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްލިމިނަރީ ބުރުގައި ބަންގަލަދޭޝްގެ އަބަހާނީއާ ދެކޮޅަށް މި މަހު މާލޭގައި ކުޅުނު މެޗުގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އަށް އޭއެފްސީން އަދަބު ދީފި އެވެ.

މާޒިޔާއިން މިއަދު ބުނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު ސުޒޭރުއަށް އޭއެފްސީން އަދަބު ދޭން ނިންމާފައިވަނީ އޭއެފްސީގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީން އިއްޔަ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ޝުޒޭރުއަށް އަދަބު ދޭން ނިންމި ސަބަބު ކަމަށް ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓްގައި ވަނީ، ޕްލިމިނަރީ ރައުންޑުގެ ދެވަނަ ލެގުގައި މާލޭގައި ކުޅުނު މެޗުގައި އަބާހަނީގެ ކުޅުންތެރިންނާ ދިމާލަށް ބޭއަދަބީ ބަހުން ޝުޒޭރު މުހާތަބު ކޮށްފައިވާ ކަމަށެވެ.

ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރު އެ މެޗުގައި ހަމަނުޖެހުން ހިނގީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓުގެ ތެރޭގައި، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު މާޒިޔާގެ ބެންޗު ކައިރިން ބޯޅަ އެއްލަން އުޅުމުގެ ތެރޭ މާޒިޔާގެ ކޯޗު ސެކުލޮސްކީގެ ގައިގައި ޖެހުމުންނެވެ. އެ ވަގުތު އެ ކުޅުންތެރިޔާ ހިތްހަމަނުޖެހި ކޯޗާ ދިމާލަށް ދިޔަ އެވެ. އަދި އެ ވަގުތު ރުޅިގަދަވެފައި ތިބި އަބަހާނީގެ ކުޅުންތެރިންނާއި އޮފިޝަލުން މާޒިޔާ ބެންޗު ކައިރިއަށް އެއްވުމުން ހަމަނުޖެހުން ހިނގީ އެވެ.

އެކަންތައްގަނޑުގެ ތެރެއިން ރެފްރީ ވަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު ބެންޗުން ފޮނުވާލައިފަ އެވެ.

އޭއެފްސީގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޯޑްގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝުޒޭރު އެއް މެޗަށް ސަސްޕެންޑް ކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފަ އެވެ. އެއީ އެދުވަހުގެ ބެންޗުގައި ބެންޗުން ފޮނުވާލުމުން ޖެހިގެން އަންނަ މެޗުގައި އޮޓޮމެޓިކް ސަސްޕެންޝަންގެ އިތުރުން އިތުރު އެއް މެޗަށެވެ.

މީގެ އިތުރުން އޭއެފްސީގެ ޑިސިޕިލިނަރީ މިންގަނޑުތަކާ ޙިލާފުވެފައިވާތީ 1000 ޑޮލަރު (15،420 ރުފިޔާ) 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސުޒޭރުއަށް ވަނީ އަންގާފަ އެވެ.

ސުޒޭރު ވަނީ ދާދި ފަހުން ނިމިގެންދިޔަ ދެވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބަށް ވެސް އެ މުބާރާތުގައި ކޯޗުކަންކޮށްދީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް އެކުލަބު ކޮލިފައި ކޮށްދީފަ އެވެ.

comment ކޮމެންޓް