ކަފާލާތުގެ ދަށުން ދޫކުރި ނަވާޒް ޝަރީފް "ފިއްލަވައިފި"

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ފިއްލަވާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ފެބްރުއަރީ 26): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ކަފާލާތުގެ ދަށުން ދޫކޮށްފައި ވަނިކޮށް ފިއްލަވައިފި ކަމަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.

އުމުރުން 70 އަހަރުގެ ޝަރީފްގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު އޭނާ ގައުމުން ބޭރަށް ފުރާ ވަޑައިގެން ފަރުވާ ހޯދުމަށް ލާހޯރު ހައި ކޯޓުން ދިނީ ހަތަރު ހަފްތާގެ މުއްދަތެކެވެ. ޝަރީފްގެ ޑޮކްޓަރު ވިދާޅުވި ގޮތުގައި އޭނާއަށް ދިމާވެފައިވާ ހިތުގެ މައްސަލައާ ގުޅިގެން އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހެ އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން ޝަރީފް ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ މެޑިކަލް ރިޕޯޓު، އިސްލާމްއާބާދު ހައި ކޯޓުގެ އަމުރަށް ހަދާފައިވާ މެޑިކަލް ބޯޑަކަށް ހުށަހެޅުމަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް އެފަދަ ރިޕޯޓެއް ހުށަހަޅާފައި ނުވުމުން ސަރުކާރުން ވަނީ އޭނާ ފިއްލަވާފައިވާ ކަމަށް ނިންމާފަ އެވެ.

ޕާކިސްތާނުގައި ތިން ދައުރަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝަރީފްގެ މައްޗަށް ވަނީ 2018 ވަނަ އަހަރު ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު ޝަރީފްގެ ޕްލޭޓްލެޓް ލެވެލް ވަރަށް ބޮޑަށް ދަށްވެ، ހާލު ގޯސްވުމުން އެމަހުގެ 22އިން ފެށިގެން ލާހޯރުގެ ސާވިސެސް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދޭން ފެށި އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ގައުމުން ބޭރަށް ފޮނުވާލުމުގެ ކުރިން ކުޑަ ދުވަސްކޮޅެއް ވަންދެން އަމިއްލަ ގެޔަށްވެސް ބަދަލު ކުރި އެވެ.

ދެހާސްސަތާރަ ވަނަ އަހަރުގެ ޖުލައި މަހު ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކުރީ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް ޝަރީފް ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

comment ކޮމެންޓް