އުނގޫފާރުގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުން ހާލަތު އެޗްއާރުސީއެމްއިން ބަލައިފި

އެޗްއާރުސީއެމްއިން އުނގޫފާރުގައި ސެޝަނެއް ނަގައިދެނީ--- ފޮޓޯ: އެޗްއާރުސީއެމް

ރ. އުނގޫފާރުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ތިބޭ ހާލަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބަލައި މޮނީޓާކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނީ މިއީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)ގެ ދަށުން ކުރި ޒިޔާރަތެއް ކަމަށެވެ.

އެ ޒިޔަރާތުގެ ދަށުން އުނގޫފާރުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ ފަރާތްތަކާއިދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯބެލި ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

އޭގެ އިތުރުން ދައުލަތުގެ ބެލުމުގެދަށުގައި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްގެއް ގެއްލޭފަދަކަމެއް އެ ސްޓޭޝަނުގެ ބަންދުގައި ތިބޭ ފަރާތްތަކާމެދު ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާންމު ހާލަތު ދެނެގަތުމާއި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު ބެލިކަމަށްވެސް ބުންޏެވެ.

އެ ޒިޔާރަތުގައި އެންޓި ޓޯޗާ ގާނޫނާއި، އެންޕީއެމްއާއި، މަންޑޭލާ ރޫލްސްއަށް އުނގޫފާރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސެޝަނެއް ވަނީ ނަގައިދީފައެވެ.

އެ ޒިޔާރަތަށްފަހު އިސްލާުހުކުރަން ހުރި ކަންކަމުގެ މައްޗަށް ބަލައި ރިޕޯޓު އެކުލަވާލާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ ބައްދަލުކޮށް، އެ ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ގަވާއިދުން ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް