ކުޑަކުދިންގެ މަރުތަކުގެ މައްސަލައިގައި އައިޖީއެމްއެޗުން މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި އައިޖީއެމްއެޗު ބައްދަލުކުރެއްވުމުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ވިހެއުމުގެ ތެރޭގައި އައިޖީއެމްއެޗުގައި ކުޑަކުދީންތަކެއް މަރުވި މައްސަލައާ ގުޅޭގޮތުން އައިޖީއެމްއެޗުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުންނަށް މައުލޫމާތު ހިއްސާކޮށްފި އެވެ.

އައިޖީއެމްއެޗްގައި ވިހެއުމުގެ ތެރޭގައި މަރުވި ކުޑަކުދީންގެ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެމައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާއިން ވަނީ ތަފާތު ވާހަކަތައް ފެތުރިގެން ގޮސްްފަ އެވެ.

މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ އައިޖީއެމްއެޗްއަކީ ރާއްޖޭގައި ހުރި ރިފަރަލް ހޮސްޕިޓަލެއް ކަމަށާއި އުނދަގޫ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެންމެ ފުރަތަމަވެސް އެމައްސަލަ ބެލުމުގެ މަސައްކަތް ކުރާ ހޮސްޕިޓަލަކީ އައިޖީއެމްއެޗް ކަމަށެވެ.

ސަލީމް ވިދާޅުވީ އައިޖީއެމްއެޗުގައި މަރުވި ކަމަށް ބުނާ ކުދިންތަކުގެ ތެރެއިން ގިނަ ކުދީންނަކީ އައިޖީއެމްއަޗް އަށް ގެނައި ކުދިން ނޫން ކަމަށެވެ.

"ކޮމްޕްލިކޭޝަނެއް އުޅޭނަމަ ރިފާ ކުރާނީ އައިޖީއެމްއެޗް އަށް. އެހެންވެ އަސްލު ސްޓެޓްސް ތަފާތުވަނީ އައިޖީއެމްއެޗުގައި،" އައިޖީއެމްއެޗުން ބުންޏެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި އައިޖީއެމްޗް ބައްދަލުކުރެއްވުމަށް މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގެތެރެއިން --- ސަން ފޮޓޯ

ވިހެއުމުގައި ކުޑަކުދިން މަރުވުމުގެ ރޭޓުތައް ވަނީ އައިޖީއެމްއެޗުން މިއަދުގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ. އެގޮތުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކާ ބަލާއިރު ސްޓިލް ބާތް ރޭޓު، ރާއްޖޭގައި ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ ސްޓިލް ބާރުތުގެ ރޭޓުގައި ރާއްޖެއަށްވުރެ ކުރީގައި އުޅެނީ ސްރީ ލަންކާ އާއި ތައިލެންޑް އެކަނި ކަމަށެވެ.

ރާއްޖޭގެ ސްޓިލް ބާރތުގެ ރޭޓަކީ 7.7 ޕަސެންޓެވެ. އެ އަދަދަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކާ އަޅާ ބަލާއިރު ރަނގަޅު އަދަދެއް ކަމަށް އައިޖީއެމްއެޗް އިން ބުނެ އެވެ.

ދުވަސް ނުފުރާ ވިހާކުދިންގެ ތެރެއިން 28 ހަފްތާގެ ކުރީން ވިހާކުދީން ސަލާމަތްވުމުގެ ރޭޓު ހުރީ 70 ޕަސެންޓުގައި ކަމަށާއި އުމުރުފުރާ ވިހާ ކުދީން ސަލާމަތްވުމުގެ ރޭޓު އުޅެނީ 90 ޕަސެންޓުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެ އެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އައިޖީއެމްއެޗުން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗުން އާންމުންނާ މުވާސަލާތުކުރާ ގޮތް ރަނގަޅު ކުރަން ޖެހޭ ކަމަށް ނާޒިމް ވަނީ ލަފާދެއްވާފަ އެވެ.

މައްސަލައެއް ދިމާވުމުން އެ މައްސަލައަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވުމުގެ ކުރީން ވީހާވެސް ހަލުވިކަމާއެކު އާންމުންނަށް ސައްހަ މައުލޫމާތު ހާމަކުރުމަށްވެސް އޭނާ އިޝާރާތްކުރައްވާފަ އެވެ.

comment ކޮމެންޓް