މިއީ އަހަރެންނާއި ގާޑިއޯލާގެ ހަނގުރާމައެއް ނޫން، މިއީ ދެކުލަބުގެ ކުރިމަތިލުމެއް: ޒިދާން

ރެއާލެ މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން --- ފޮޓޯ// ޑެނިއެލް ލެވިސް

ބާސެލޯނާގެ ކުރީގެ ކޯޗު، އަދި މިހާރުގެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗުކަމުގައި ވިޔަސް މިރޭގެ ކުރިމަތިލުމަކީ އޭނާއާ ދެމެދު އޮތް ހަނގުރާމައެއް ނޫން ކަމަށާއި މިއީ ދެ ކުލަބުގެ ކުރިމަތިލުމެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ކުޅޭ މެޗަކީ ގާޑިއޯލާއާއި ޒިދާންގެ ކޯޗިންގް ކެރިއަރުގައި ދިމާވާ ފުރަތަމަ ފަހަރެވެ. ޒިދާން ވަނީ މީގެ ކުރިން ތިނަ ފަހަރަކު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާއާ އެކު ދެފަހަރެއްގެ މަތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ފަހަކަށް އައިސް ފުޓުބޯޅަ ސަޕޯޓަރުންގެ ތެރޭގައި އެންމެ ގަދަޔަށް ދެކެވުނު އެއްވާހަކަ އަކީ މި ދެ ކޯޗުންގެ ޓެކްނިކިލް ނިންމުންތަކުގެ މޮޅުކަމުގެ ވާހަކަ އެވެ. އަދި ޔޫރޮޕު ފުޓުބޯޅައިގައި މި ދެ ކޯޗުންގެ ވިދުން ގަދަ އިރު ގާޑިއޯލާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށް ޒިދާން ވަނީ އެއްބަސްވެފަ އެވެ.

"އޭނާ [ގާޑިއޯލާ] ވަނީ ބާސެލޯނާއާއި ބަޔާން މިއުނިކްއާ އެކު އޭނަގެ ފެންވަރު ހާމަކޮށްދީފައި. މިހާރު ސިޓީއާ އެކު ވެސް އެކަން އެދަނީ ދަމަހައްޓަމުން. ވަރަށް ބައިވަރު މޮޅެތި ކޯޗުންނާ ދިމާވެއްޖެ. އެކަމަކު ގާޑިއޯލާ އަކީ އޭގެތެރޭން އެންމެ މޮޅު އެކަކު،" މިރޭގެ މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

ޒިދާން ބުނީ މިރޭގެ މެޗަކީ އޭނާއަށް ވަރަށް ހާއްސަ މެޗެއް ކަމަށެވެ. އެހެން ނަމަވެސް މި މެޗަކީ އޭނާއާއި ގާޑިއޯލާއާ ދެމެދުގެ ކުރިމަތިލުމެއް ކަމަށް ނުދެކޭ ކަމަށާއި މި މެޗަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުމެއް ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"އެއްވެސް ޝައްކެއް ނެތް މެންޗެސްޓާ ސިޓީގެ ފެންވަރު އެންމެންނަށް ވެސް އިނގޭ. އެމީހުންގެ ކުޅުން އަބަދުވެސް ތަފާތު. ވާދަވެރި މެޗަކަށް ވެގެންދާނެ،"

މިރޭގެ މެޗަށް ރެއާލް ނުކުންނަ އިރު އެ ޓީމު ވަނީ އެންމެ ފަހުން ސްޕެނިޝް ލީގުގައި ލެވަންޓޭ އަތުން ބަލިވެފަ އެވެ. އަދި ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭ އިރު ބައެއް ކުޅުންތެރިންނަށް ވަނީ ސަސްޕެންޝަން ވެސް ކުރިމަތިވެފަ އެވެ.

comment ކޮމެންޓް