ޗެލްސީ އަތުން ބަޔާން މޮޅުވި އިރު ލެވަންޑޮސްކީއަށް ރެކޯޑެއް

ޗެލްސީ ކޮޅަށް ގޯލު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ ---

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީ އަތުން ބަޔާން މިއުނިކް ބޮޑު މޮޅެއް ހޯދި އިރު އެ ޓީމުގެ ފޯވާޑް ރޮބާޓް ލެވެންޑޮސްކީ އެ މުބާރާތުގެ ބޮޑު ރެެކޯޑަކާ އަރައި ހަމަކޮށްފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ރޭ ކުޅުނު އެ މެޗުން ބަޔާން ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ދެވަނަ ލެގުގެ އެޑްވާންޓޭޖް ބަޔާންއަށް ބޮޑުވެފައިވާ އިރު ޗެލްސީއިން މި ސީޒަނުގައި މިހާތަނަށް އަށް މެޗެކުން އަމިއްލަ ދަނޑުގައި ބަލިވެފައިވެ އެވެ. މިއީ 1985 ވަނަ އަހަރުން ފެށިގެން މިހާ ދަށު ފެންވަރަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ދިޔަ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ދެއްކި އިރު ބަޔާނުން ވަނީ މެޗު ކުރިއަށް ދިޔަ ވަރަކަށް ހަމަލާތައް އިތުރުކޮށް ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ތޯމަސް މުލާ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައިވާ އިރު ބަޔާނަށް އެ ހާފުގައި ލިބުނު ފުރުސަތުތައް ދިޔައީ ބޭނުން ނުކުރެވި އެވެ.

އެކަމަކު ދެވަނަ ހާފު ފެށިގެން ބަޔާނުން ވަނީ މަތި މައްޗަށް ދެ ގޯލު ޖަހައިފަ އެވެ. އާސެނަލުގެ ކުރީގެ ކުޅުންތެރިޔާ ސާޖް ނެބްރީގެ ދެ ގޯލާ އެކު ބަޔާނުން ހަމަޖެހިލަައިގެން ކުޅެމުން ދިޔަ އިރު އެ ޓީމަށް މެޗު ނިމެން 14 މިނަޓަށް ވެފައި ވަނިކޮށް ލީޑު ތިން ގޯލަށް ފުޅާކޮށްދިނީ ލެވަންޑޮސްކީ އެވެ. މިއީ އޭނާ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޖެހި 11 ވަނަ ގޯލެވެ.

އަދި އެ ގޯލާ އެކު އޭނާ ވަނީ 2013-14 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ގޯލަކާ އަރައި ހަމަކޮށްފަ އެވެ. އެއީ ޗެމްޕިއަންސް ލީގު ސީޒަނެއްގައި އެންމެ ގިނަ އަވޭ ގޯލު ޖެހުމުގެ ރެކޯޑެވެ. ރޮނާލްޑޯއާއި ލެވަންޑޮސްކީ، މި ދެކުޅުންތެރިން ވެސް ވަނީ ނުވަ ގޯލު ރަށުން ބޭރުގައި ޖަހައިފަ އެވެ.

ޗެލްސީއަށް މެޗު ނިމުމުގެ ކުރިން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މާކޯސް އެލަންސޯއަށް ދެއްކި ރަތްކާޑާ އެކު އެވެ. އެލަންސޯއަށް ރަތްކާޑު ދެއްކީ މެޗު ނިމެންދަނިކޮށް ލެވަންޑޮސްކީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

comment ކޮމެންޓް