ނަޕޮލީ އަަތުން އެއްވަރުވެ ބާސެލޯނާއަށް ބޮޑު ހާސްކަމެއް

ބާސެލޯނާއާއި ނަޕޮލީ ބައްދަލު ކުރި މެޗުގެ ތެރެއިން--- ފޮޓޯ: ރަޔަން ބެންސަން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ ނަޕޮލީ އަތުން ޕޮއިންޓެއް ލިބުނު ނަމަވެސް ދެވަނަ ލެގަށް ނުކުންނަ އިރު ބާސެލޯނާގެ މުހިއްމު ދެ ކުޅުންތެރިއަކު ސަސްޕެންޑް ވެއްޖެ އެވެ.

ނަޕޮލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ކުޅޭ މެޗަށް ހުރިހާ ފޯރިއެއް އޮތް އިރު ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމަކީ ބަލިކުރަން ނުހަނު އުނދަގޫ ޓީމެކެވެ. އެހެން ނަމަވެސް އެ ޓީމު މިހާރު އޮތް ހާލަތަށް ބަލާއިރު ޓީމުގެ ސްކޮޑު އޮތީ ވަރަށް ބޮޑަށް ބަލިކަށި ވެފަ އެވެ.

އެގޮތުން އެ ޓީމުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްއަށް ދެ ކާޑު ހަމަވެގެން ދެވަނަ ލެގުގައި ނުކުޅެވޭ އިރު ރޭގެ މެޗުގައި ދެއްކި ރަތްކާޑާ އެކު އާތުރޯ ވިދާލްއަށް ވެސް އެ މެޗުގައި ނުކުޅެވޭނެ އެވެ. މީގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް ރޭގެ މެޗުގައި އަނިޔާވެފައިވާ އިރު އޭނާ ވެސް ދެން އަންނަ މެޗަކަށް ފިޓުވުމަކީ ނާދިރު ކަމެކެވެ.

ބާސެލޯނާއާއި ނަޕޮލީ ބައްދަލު ކުރި މެޗުގެ ތެރެއިން--- ފޮޓޯ: ރަޔަން ބެންސަން

ބާސެލޯނާއިން ރޭގެ މެޗަށް ނުކުން އިރު ވެސް އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު ތިބީ އަނިޔާގަ އެވެ. އެގޮތުން ލެފްޓް ވިންގަށް ކުޅެމުން އަންނަ ޖޯޑީ އަލްބާއާއި އެ ޓީމުގެ ދެ ފޯވާޑް ލުއިސް ސުއަރޭޒްއާއި އުސްމާން ޑެމްބެލޭ ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ.

ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓް ކުރަމުން ދިޔައީ ބާސެލޯނާއިންނެވެ. ނަޕޮލީގެ ހާފުތެރޭގައި ބޯޅަ ޕާސްކޮށްކޮށް އެ ޓީމުން ތިބި އިރު ނަޕޮލީގެ މުޅި ޓީމު ވަނީ ޑިފެންސް ކުރުމަށް ފައިބާފަ އެވެ. ލިބޭ ކައުންޓާ އެޓޭކުތަކުގައި ނަޕޮލީއިންވެސް ނުރައްކާ ކުރަމުން ދިޔަ އިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ.

މެޗުގެ 30 ވަނަ މިނަޓުގައި ނަޕޮލީއަށް ގޯލު ޖަހައިދިނީ ޑްރައިސް މާޓެންސް އެވެ. މި ގޯލާ އެކު އޭނާ ވަނީ ނަޕޮލީއަށް އެންމެ ގިނަ ގޯލު ޖަހައިދިން މަރެކް ހަމްސެކްއާ އެއް ހަމައަކަށް ޖެހިލައިފަ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ނަޕޮލީއަށް 121 ގޯލު ޖަހައިދީފަ އެވެ. ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާޓެންސް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ކުޑަހުޅަށް އަނިޔާވެގެން ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ބާސެލޯނާ ވަނީ ބަދަލެއް ކޮށްފަ އެވެ. އެ ޓީމުގެ މެޗުތެރެއަށް ކުޅެމުން އައި އީވާން ރަކިޓިޗްގެ ބަދަލުގައި ބްރެޒިލްގެ މިޑްފީލްޑަރު އާތުރް ކުޅެން ނުކުތް އިރު ބާސެލޯނާއަށް އެ ހާފުގައި ނަތީޖާ ހަމަހަމަކޮށްދިނީ ނެލްސަން ސަމޭޑޯ ހުސްކޮށްލައިފަ ދިން ބޯޅައަކުން އެންޓޮއިން ގްރީޒްމަން އެވެ.

comment ކޮމެންޓް