ޖިންސީ ގޯނާގެ މައްސަލައިގައި ޑޮމިންގޯ މައާފަށް އެދިއްޖެ

މަޝްހޫރު އޮޕެރާ ލަވަކިޔުންތެރިޔާ ޕްލެސީޑޯ ޑޮމިންގޯ --- ފޮޓޯ: ޝަޓާސްޓޮކް

ދުނިޔޭގެ އެންމެ މަޝްހޫރު އޮޕެރާ ލަވަކިޔުންތެރިންގެ ލިސްޓުގައި ހިމެނޭ ޕްލެސީޑޯ ޑޮމިންގޯ އާ ދެކޮޅަށް ގިނަ އަދަދެއްގެ އަންހެނުންތަކެއް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރުމުން އޭނާ އެކަމަށް މައާފަށް އެދެފި އެވެ.

އެމެރިކަން ގިލްޑް އޮފް މިއުޒިކަލް އާޓްސް އިން އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންގޮސް، ފާހަކޮށްފައިވަނީ ޑޮމިންގޯ އެ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރަން އުޅުނު ކަމަށެވެ.

އެކަމާ ގުޅިގެން ޑޮމިންގޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ގިނަ މަސްތަކުގައި އޭނާ ވަނީ އެ ތުހުމަތުތަކާމެދު ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ.

"އަހަރެން އިހުތިރާމް ކުރަން އެ އެންމެންވެސް އެ ވާހަކަ އާންމުކުރުމުގެ ހިތްވަރު ހުރުމުން. އަދި އަހަރެންގެ ފަރާތުން އެއިން އެއްވެސް ފަރާތަކަށް ދެވުނު ގެއްލުމަށް ހިތުގެ ފުންމިނުން މައާފަށް އެދެން،" ޑޮމިންގޯ ބުންޏެވެ.

ފާއިތުވި 30 އަހަރުގެ ތެރޭގައި އެކި ހާލަތްތަކުގައި އަދި އެކި ތަންތަނުގައި ޑޮމިންގޯ އަންހެނުންނަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމުގެ ތަފާތުު ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އޮޕެރާ ސްޓޭޖުތަކުގައި ހަރަކާތްތެރިވާން އުޅުނު މުވައްޒަފުން ފެށިގެން ސްޓޭޖު ފަހަތުގައި ހަރަކާތްތެރިވާ 30 އަށްވުރެ ގިނަ އަންހެނުން ވަނީ އެފަދަ މައްސަލަތަކަށް ހެކި ދީފައެވެ.

comment ކޮމެންޓް