ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބޮޑު އޮޅުން ގަނޑެއް

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައި އެ ބިދޭސީން އަލުން ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި މައްސަލަތަކެއް ހުރިކަން ފާހަގަވެއްޖެއެވެ.

އެގޮތަށް އަަލުން ރަޖިސްޓްރީވާ ބިދޭސީންނަށް ސަރުކާރުން ކާޑެއްދެއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއެއްގައި ފެންނަގޮތުގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީކުރި ބަންގުލަދޭޝް މީހެއްގެ ކާޑުގައި ރައްޔިތުކަން އިނީ ނުބައިކޮށް ޖަހައިފައެވެ.

އެ ބަނގުލަދޭޝް މީހާގެ ޕާސްޕޯޓްގައި ބަނގުލަދޭޝް ރައްޔިތެއްކަމަށް ބަޔާންކޮށްފައިވީނަމަވެސް އޭނާއަށް ދޫކޮށްފައިވާ ކާޑުގައި ވަނީ ބަހުރެއިން ރައްޔިތެއްގެ ގޮތުގައެވެ.

ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަވާއިދަށް ބިދޭސީން ފެއްތުމުގެ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބަނގުލަދޭޝްގެ ޓެކްނީޝަނެއްގެ ނަން އަބްދުﷲ އިން ރަބީ ޝަރިއަތުޕޫރުގެ ނަމަަށް ބަދަލުވެފައިވާ ކަމަށެވެ.

މިކަމާގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިނިސްޓަރު ފައްޔާޒް މިމަހުކުރީކޮޅު ވިދާޅުވީ ގަވާއިދަށް ފައްތާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އައިއިރު 31،000 ބިދޭސީން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ބިދޭސީން ރަޖިސްޓްރީވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ބިދޭސީން ރަޖިސްޓްރީ ކުރުން ފިޔަވައި މާބޮޑު ކަމެއް އެ ޕްރޮގްރާމްގެ ދަށުން ކުރެވިފައެއްނުވެއެވެ. މިހާރު ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކުރެވޭ މަސައްކަތުން ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުންޏެވެ.

އެމީހުން ބުނާގޮތުގައި، އެގޮތަށް ދެކޭ ސަބަބަކީ އެ ޕްރޮގްރާމްގެ ދަށުން ވަޒީފާ ލިބޭ މީހުންނަކީ ވެސް ވަޒީފާދޭ ފަރާތްތަކުގެ ކައިރީގައި މަސައްކަތް ކުރަން ތިބޭ ބަޔަކަށް ނުވާތީއެވެ. އަދި ކުދިކުދި ކުންފުނިތަކުން އެމީހުންގެ ނަންމައްޗަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ބިދޭސީން ބަދަލުކޮށްދެނީ ބަދަލުވާ ބިދޭސީ މީހާގެ އަތުން 10،000 ރުފިޔާ ނަގައި އެ ބިދޭސީ މީހާ ހިތުހުރި ތަނެއްގައި ހިތުހުރި ވަޒީފާއެއް އަދާކުރާ ގޮތަށް ކަމަށްވުމަކީ ވެސް އެކަމުގެ ސަބަބެއް ކަމަށް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެއިތުރުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ކުންފުނިތަކަށް ބަދަލުވާ ބިދޭސީންނަށް ޑިޕޮސިޓް ފައިސާ ދައްކަން ނުޖެހުން ވެސް އެއީ އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް