ޗައިނާއިން ރާއްޖެއައި ދެ މީހަކު ކަރަންޓީނުކޮށްފި

ފެބްރުއަރީ 18، 2020: ކޮރޯނާ ވައިރަހާއި ގުޅިގެން އިންޑިޔާގައި ކަރަންޓީން ކުރި ދިވެހިން ރާއްޖެ ގެނައުން -- ސަން ފައިލް ފޮޓޯ / އަހްމަދު ސައީދު

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާއިން ރާއްޖެ އައި ދެ މީހަކު ކަރަންޓީނުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުން ކަރަންޓީނުކުރީ މިއަދު ކަމަށެވެ.

އެ ދެ މީހުންގެ ގައިން ޗައިނާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ އަލާމާތެއް ނުފެންނަ ކަމަށާއި އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން މިހާރު އަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ކަަރަންޓީން ކުރީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޓޮކޯލްގެ ދަށުން ޗައިނާއިން ރާއްޖެ އަންނަ މީހުން 14 ދުވަސްވަންދެން ކަރަންޓީނު ކުރެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކޮވިޑް 19 ގެ މައުލޫމާތު ހާމަކަމާއެކު އަބަދުވެސް ހާމަކުރާނެ ކަމަށާއި އެގޮތުން ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެނަމަ އެކަން އަންގާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކަރަންޓީނު ކުރި އެއްވެސް މީހެއްގެ ގައިން ކޮވިޑް 19 ގެ ބަލި ފެނިފައެއް ނުވެއެވެ.

އެ ބަލި ދެނެގަތުމަށް ހަަދަން ޖެހޭ ޓެސްޓުތައް މިހާރު އައިޖީއެމްްއެޗްގައިވެސް ކުރެވޭގޮތް ވަނީ ހަދައިފައެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,707 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 2,664 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.

comment ކޮމެންޓް