ތިމާވެއްޓާގުޅޭ މުހިއްމު އެގްރިމެންޓަކަށް ލަފާ ހޯދަން މަޖިލީހަށް

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން --- ފޮޓޯ: ރައީސް އޮފީސް

"ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް" އަށް އިސްލާހެއް ގެނެސްފައިވާތީ އިސްލާހުކޮށްފައިވާ އެގްރީމެންޓު ރާއްޖެއިން ތަސްދީގު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފަޔަކަށް އެދި ފޮނުވައިފިއެވެ.

އދ. ގެ ހުރިހާ މެންބަރު ގައުމުތަކަކަށް ބައިވެރިވެވޭ ގޮތަށް ގެނެސްފައިވާ މި އިސްލާހުރާއްޖެއިން ތަސްދީގު ކުރަން ފެންނަކަމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވައިފައެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ފަރާތުން ހުށަހެޅުއްވި ކަރުދާހާ މެދު މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެެ.

މި އެގްރީމެންޓަކީ، 10 އެޕްރީލް 2019 ގައި ދިވެހިރާއްޖެއިން ސޮއިކޮށް، 30 އެޕްރީލް 2019 ގައި ތަސްދީގުކޮށްފައިވާ އެގްރީމެންޓެކެވެ.

މި ފްރޭމްވޯކް އެގްރީމެންޓް ރާއްޖެއިން ބަލައިގަތުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ، ދިވެހިރާއްޖެ ލޯ ކާބަން ގައުމަކަށް ހެދުމަށް ބޭނުންވާ، އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް