ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަސައްކަތުގެ އަގަކީ 7.6 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް 180 ދުވަސް ތެރޭ ނިންމަން ހަވާލުކުރަން ޖެހޭ އިރު، މި މަޝްރޫއުގެ ދަށުން ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރި މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގެ ޖެޓީ ކައިރިން 180 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށުން ހިމާޔަތް ކުރާނެ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންކުރާނީ ޖިއޯ ބޭގް ރިވެޓްމެންޓް ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.