ރައީސް ޔާމީނަށް ޑޮކްޓަރުން ދިން ލަފާ އާއިލާއާ ހިއްސާކޮށްފިން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

މަނީ ލޯންޑާކުރުމުގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފާ އެމަނިކުފާނުގެ އާއިލާއާ ހިއްސާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގެ ހާލަތު ބެއްލެވުމަށް ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިނިސްޓަރު އިމްރާން ވަނީ އިއްޔެ ރައީސް ޔާމީންއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅިގެން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފަޔާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ވިދާާޅުވި އެވެ.

"އަދި ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވަނީ އާއިލާއާ ހިއްސާކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ސިއްހީ ލަފަޔާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާއިރު، ޓެސްޓުތަކެއް ހެދުމަށް މިދިޔަ ހަފްތާ ބުދަ ދުވަހު އެމަނިކުފާނު މާލެ ގެނެސް، ތިން ދުވަސް ވަންދެން އެޑްމިޓްކޮށްފައި ބޭއްވިއެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސް ދައްކާފައި ވަނީ ހިތުގެ ޑޮކްޓަރަކަށެވެ. ޓެސްޓުތައް ނިމުމަށްފަހު އެމަނިކުފާނު ޖަލަށް ގެންދިޔައީ އާދީއްތަ ދުވަހު އެވެ.

ރައީސް ޔާމީން ވަނީ ސިއްހީ ހާލުކޮޅު ގޯސް ކަމަށް، ވިދާޅުވެ ހައިކޯޓުގައި ވެސް ޝަކުވާ އުފުއްލަވައިފަ އެވެ. އެގޮތުން އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހިތުގެ މައްސަލައެއް ނުވަތަ "އެނޮމަލީއެއް" ފެނިފައިވާ ކަމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދެނެގަންނަން ރާއްޖެއިން އިތުރަށް ހެދޭނެ ޓެސްޓުތައް ނެތްކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ. ދެން އިތުރު ޓެސްޓުތައް ހެދޭނީ ރާއްޖެއިން ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނަށް މައިބަދައިގެ ޑިސްކުގެ މައްސަލައެއް ޖެހިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ސާޖަރީއެއް ހަދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

comment ކޮމެންޓް