ފަޅު ހިއްކުން ހުއްޓުވަން ބޭނުން، އެކަމަކު ހުއްޓުވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ: ނަޝީދު

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި)އިން ތުލުސްދޫގައި ބޭއްވި ކޮރަލް ފެސްޓިވަލްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްސީއައ

ރާއްޖޭގެ ރަށްރަށުގެ ބިން ބޮޑުކުރުމަށް ފަޅު ހިއްކުން ހުއްޓުވަން ބޭނުންފުޅު ކަމަށާއި، ނަމަވެސް އެކަން މުޅިން ހުއްޓުވޭނެ ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ޖަމިއްޔާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި)އިން ތުލުސްދޫގައި ބާއްވާ ކޮރަލް ފެސްޓިވަލްގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ.

އެ ބައްދަލުވުމުގައި ކުރިއަށް އޮތް 10 އަހަރަށް ފަޅުތައް ހިއްކުން ހުއްޓުވުމަށް މީހަކު ރައީސް ނަޝީދުގެ ގާތުގައި އެދުނެވެ. އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، ފަޅު ހިއްކުމާ މެދު ހެޔޮ ނިޔަތެއް އޮތުމުން އެކަން ހުއްޓުވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއްވެސް މުއްދަތަކަށް ފަޅު ހިއްކުން ހުއްޓުވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ ފަޅު ހިއްކައިގެން ބިން ބޮޑު ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު، އެކަން ކުރަން ބޭނުންވާ ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްތައް ގިނަކަމުން އެކަން ހުއްޓުވަން ދަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ސަރުކާރުގެ އިދާރާއަކަށް އެކަމާ ގުޅިގެން ގޮސްފިއްޔާ ފަޅު ހިއްކަން ބޭނުންވާ 20 ރިސޯޓު އޮންނާނެ. އަދި ފަޅު ހިއްކަން އެދެމުންދާ 50 ރަށް އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ފަޅު ހިއްކުން އެއްކޮށް ނުހުއްޓުވުނަސް ފަޅު ހިއްކާ އިރު ވީހާވެސް ގެއްލުން ކުޑަކޮށް އެކަން ކުރެވިދާނެ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އެހެން ޓެކްނޮލޮޖީއެއްވެސް ހޯދޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އައިމިނަތު ޝައުނާވެސް ފާހަގަކުރެއްވީ ބިން ހިއްކުމަކީ ރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންވެސް ދާއިރާގެ ރަށްތަކުގެ ބިން ހިއްކުމާ ގުޅޭގޮތުން އޭނާއަށް ގުޅުއްވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"ވަރަށް އުނދަގޫ ކަމެއް ރަށު ރައްޔިތުންތަކެއް ޕެޓިޝަން ހަދާފައި އައިމަ ތިއީ ނުވާނެ ކަމެކޭ ބުނަން،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކަން ކުޑަ ކަމަށެވެ. އެހެންކަމުން، ހޭލުންތެރިކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް