މަސްތުވާތަކެއްޗާއެކު ޅ. ނައިފަރުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ނައިފަރުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ނައިފަރު މަގުމަތިން އޭނާ ހުއްޓުވިވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް ވައްޓައިލުމުން ފުލުހުން އެ ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.