އެއްވަރުކޮށްލައިގެން ކޮލިފައިވި ވިޔަސް ބޭނުމީ މޮޅެއް: ސެކުލޮސްކީ

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ: ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށް އޭނާ ގަބޫލުކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕުގެ ޕްލޭއޯފްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުން އެއްވަރުވެގެން ވެސް މުބާރާތަށް ކޮލިފައިވާނެ ކަމަށާއި، އެހެން ނަމަވެސް އަމާޒަކީ މޮޅުވުމުން ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި އޮތް ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގައި ކުޅުމަށް މާޒިޔާ އިންޑިއާއަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ދެވަނަ ލެގަށް މާޒިޔާ ކުރިމަތިލާ އިރު އެ ޓީމަށް ވަނީ އެއް ގޯލުގެ ފައިދާ ލިބިފަ އެވެ. އެއީ ގަލޮޅު ދަނޑުގައި ކުޅުނު މެޗުން 1-2 ގެ ނަތީޖާއަކުން މޮޅުވުމުންނެވެ.

އެ މެޗުގައި މާޒިޔާގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގޯލު ޖަހާފައިވަނިކޮށް ބެންގަލޫރުން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެކަމަކު މެޗު ނިމުމުގެ ކުރިން މާޒިޔާގެ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް ވަނީ އިތުރު ގޯލެއް ޖަހައި މާޒިޔާއަށް މެޗުގެ ލީޑު އަނބުރާ ހޯދައިދީފަ އެވެ. މުހިއްމު މޮޅަކާ އެކު މާޒިޔާ ފުރަތަމަ ލެގު ނިންމާލި ނަމަވެސް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވަނީ އަނިޔާވެފަ އެވެ. އަދި އޭނާގެ އަނިޔާއިން އަރައިގަތުމަށް ހަތް ވަރަކަށް މަސް ނަގާނެ ކަމަށް މާޒިޔާއިން ވަނީ ޑޮކްޓަރުންނާ ހަވާލާދީ ބުނެފަ އެވެ.

މާދަމާގެ މެޗަށް މާޒިޔާ ނުކުންނަ އިރު އެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އެއްވަރުކޮށްލައިގެން ވެސް އެގްރިގޭޓް ނަތީޖާއަކުން މޮޅުވުމެވެ. އެހެން ނަމަވެސް މެޗަށް ނުކުންނާނީ މޮޅުވެގެން ގައުމަށް އައުމަށް ކަމަށް އެ ޓީމުގެ ކޯޗު ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"އަހަރެން އަބަދުވެސް ބުނާ ވާހަކަ އަކީ މިއީ އެއް މެޗެއްގެ ދެ ހާފޭ. ފުރަތަމަ ހާފު މާލޭގައި ކުޅުނު އިރު އަހަރުމެން މޮޅުވީ. ދެވަނަ ހާފު މާދަމާ މި ކުޅެނީ. ފުރަތަމަ ހާފުން މޮޅުވުމުން މާދަމާގެ މެޗުން މޮޅުވާން ލިބުނީ ހިތްވަރު،" މެޗުގެ ކުރިން ބެންގަލޫރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ މާދަމާގެ މެޗުން އެއްވަރުވިޔަސް އެއީ މާޒިޔާއަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. އެކަމަކު އަމާޒަކީ މެޗުން މޮޅުވުން ކަމަށާއި ފުޓުބޯޅަ އަކީ އެއްވަރުކޮށްލައިގެން މެޗު ނިންމަން ކުޅޭ ކުޅިވަރެއް ނޫންކަމަށް ސެކުލޮސްކީ ބުންޏެވެ.

"މާޒިޔާއަކީ އަބަދު ވެސް މޮޅު ހޯދުމަށް ކުޅޭ ޓީމެއް. އެއްވަރުކޮށްގެން މެޗުން ފޭބުމެއް ނޫން އަމާޒަކީ. މޮޅަކާ އެކު މެޗު ނިންމާލައިގެން ފައިބަން މަސައްކަތް ކުރާނަން."

މާޒިޔާ އާއި ބެންގަލޫރު އެފްސީ އިންޑިއާގައި ކުޅޭ މެޗަށް ފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ލިބޭނެއެވެ. އެގްރިގޭޓުން ކުރި ހޯދާ ޓީމު ވާދަކުރަން ޖެހޭނީ އޭއެފްސީ ކަޕުގެ "ގްރޫޕު އީ"ގައެވެ. އެ ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.

ޕްލޭއޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބެންގަލޫރުގައި މާދަމާ ރާއްޖެ ގަޑިން 19:00 ގަ އެވެ.

comment ކޮމެންޓް