އަތޮޅުތަކުގައި އުޅޭ ބިދޭސީން މޮނިޓާ ކުރާނެ ސިސްޓަމެއް ތައާރަފުކޮށްފި

"އަތޮޅު މޮޑިއުލް"ގެ ނަމުގައި އުފެއްދި ސިސްޓަމް އިފްތިތާހުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް --- ސަން ފޮޓޯ : ފަޔާޒު މޫސާ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔޮމެޓްރިކް ބޭނުންކޮށްގެން އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ޓްރެކް ކުރެވޭނެ ހާއްސަ ސިސްޓަމެއް އިމިގްރޭޝަނުން މިއަދު ތައާރަފުކޮށްފި އެވެ.

އިމިގްރޭޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އަތޮޅު މޮޑިއުލް" ސިސްޓަމް އިފްތިތާހުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ.

މިއަދު ތައާރަފުކުރި މޮޑިއުލްއަކީ އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތް ކުރާ ކައުންސިލާއި ފުލުހުންގެ އިތުރުން ކަމާ ގުޅުންހުރި އެހެން ފަރާތްތަކާ ގުޅިގެން އަތޮޅުތެރޭގައި ދިރިއުޅޭ ބިދޭސީން މޮނިޓާ ކުރުމަށް ތައާރަފުކޮށްފައިވާ ސިސްޓަމެކެވެ.

ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ / ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މިއަދު ގާއިމުކޮށްފައިވާ ސިސްޓަމް އަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ އެންމެ ކޮމްޕްރެހެންސިވް ސިސްޓަމް ކަމަށެވެ.

އެ ސިސްޓަމް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަޔޮމެޓްރިކްސް ބޭނުންކޮށްގެން ބިދޭސީން މޮނިޓާ ކުރާނެ ފުރަތަމަ ސިސްޓަމް ކަމަށް ހަނަފީ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭނުންކުރާނެ އެ ސިސްޓަމް ތައާރަފުކުރާނީ އެކި ފިޔަވައްސަށް ބަހާލައިގެން ކަމަށާއި ބަޔޮމެޓްރިކްސްގެ އެހީގައި ފޭޝަލް ރެކޮގްނިޝަންގެ ބޭނުން ކުރަން ފަށާނީ އަންނަ ޖޫން މަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ހިދުމަތް އިމްޕްލިމެންޓް ކުރެވޭނެ ކަމަށް މި ބަލަނީ. އެއަށްވުރެ އަވަސްވުންވެސް އެކަށީގެންވޭ،" ހަނަފީ ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ އިބްރާހީމް އަޝްރަފް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ސިސްޓަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮންޓްރޯލާ އިބްރާހީމް އަޝްރަފު ވިދާޅުވީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ބިދޭސީންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެކަން މޮނިޓާކުރާނެ ގޮތެއް ނެތް ކަމަށެވެ.

އަލަށް ގާއިމުކުރި ސިސްޓަމްގެ ތެރެއިން ރަށްރަށުގައި ބިދޭސީން މޮނިޓާ ކުރުމަށް އެމީހުންގެ މައުލޫމާތު ނަގައި ދަފްތަރެއްގައި ހިމަނާނެ އެވެ. އެހެންކަމުން އެމީހުން އެހެން ރަށަކަށް ބަދަލުވި ނަމަވެސް އެމީހުންގެ މައުލޫމާތު ދަފްތަރުން ބަލާލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އެއްވެސް މައްސަލައެއް ދިމާވެގެން ބިދޭސީއެއް ހޯދާނަމަ އެ ސިސްޓަމް މެދުވެރިކޮށް އެމީހާ ހުރި ރަށެއް ދެނެގަނެވޭނެ ކަމަށް ހަނަފީ ވަނީ ފާހަގަކުރައްވާފައެވެ.

ހަނަފީ ވިދާޅުވީ އެ ސިސްޓަމުގެ ކުރިއަށް ހުރި ފިޔަވަހީގެ ދަށުން ރަށަށް ބިދޭސީއެއް އަރާ އިރަށް އެމީހެއްގެ މައުލޫމާތުތައް ނަގައި ބަޔޮމެޓްރިކްސްތައް ރައްކާކޮށް ދެނެގަންނާނެ ސިސްޓަމްތަކެއް ރަށްރަށުގައި ބޭނުންކުރަން ފަށާނެ އެވެ.

comment ކޮމެންޓް