ސިއްރު ހެކި ހިމެނޭ ހުރިހާ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި މަޑުޖެހިއްޖެ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިމިނަލް ކޯޓުގައި ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ސިއްރު ހެކި ހުށަހަޅާފައި ހުރި ހުރިހާ މައްސަލައެއް މަޑުޖެހިއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކާ މެދު ހައިކޯޓުން ގޮތެއް ނިންމި އިރު، އެ ހުކުމުގައި ކަނޑައަޅާފައި ވަނީ ރާއްޖޭގައި ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށެވެ. އެ ހުކުުމުގައި ސިއްރު ހެއްކާ ބެހޭގޮތުން ކަނޑައެޅި އުސޫލު ގާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެ އުސޫލު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް މައުލޫމާތުލިބިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުގައި މިހާރު ބަލަމުންދާ ސިއްރު ހެކި ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގުމުގެ ބައި ވަނީ މަޑުޖައްސާލައިފަ އެވެ. އެ ބައި މަޑުޖައްސާލަނީ ސިއްރު ހެކި ނެގުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެނެވެ.

މިހާރު ކްރިމަނަލް ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ޓެރަރިޒަމްގެ ތުހުމަތު ކުރެވިފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްސަލައިގައި އޭނާގެ ފަރާތުން ވަނީ ދައުލަތުގެ ސިއްރު ހެކިތަކުގެ ބަޔާންތައް ހާމަކުރުމަށް އެދިފަ އެވެ. އެ މައްސަލައިގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ ބައިވެސް ކުރިއަށްގެންގޮސްފައި ނުވާއިރު، ދިފާއުގެވެސް އެދުމުގެ މަތިން ގާޒީ ނިންމެވީ ސުޕްރީމް ކޯޓުން ސިއްރު ހެއްކާ ބެހޭގޮތުން ގޮތެއް ނިންމަންދެން މައްސަލަ މަޑުޖައްސާލުމަށެވެ.

ސިއްރު ހެކި ނެގުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އަމީންގެ ޝަރީއަތް މަޑުޖައްސާލަނީ

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ، ސިއްރު ހެއްކާ ބެހޭގޮތުން ޕީޖީ އޮފީހުން ހުށަހެޅި އިސްތިއުނާފު އިއްޔެ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގެ އާންމު އުސޫލަކީ ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް އަދި ދައުވާ ލިބޭ މީހުންނާ އެއް ހާޒިރަކަށް ހެކިވެރިން ގެނެސްގެން އެ މީހުންގެ ހެކިބަސް ނެގުމެވެ. އެކަމަކު، ދައުލަތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ގާނޫނު ނަމްބަރު 24/76 (ހެއްކާ ބެހޭ ގާނޫނު) ގައި ބަޔާން ކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ސިއްރު ހެކި ބަސް ނެގޭނެ ކަމަށްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެ އެވެ.

އެހެންނަމަވެސް، 1976 ވަނަ އަހަރު އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކިބަސް ނެގޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގޭނެ ގޮތެއްވެސް ކަނޑައަޅާފައި ނުވެ އެވެ.

އަބްދުﷲ ސައީދުގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށް ކަނޑައެޅީ އެހެންވެ އެވެ. އެ ހުކުމުގައި ފާހަގަކޮށްފައި ވަނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތެއް ކަނޑައަޅާފައި ނުވާ ކަމެވެ. އަދި މިއަދާ ހަމައަށް އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަންވެސް ފާހަގަކޮށްފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށް ހުކުމުގައިވެ އެވެ. އަދި ސިއްރު ހެކިތަކަށް ނަން ދީގެން އަބްދުﷲ ސައީދުގެ މައްސަލާގައި ހެކި ބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

comment ކޮމެންޓް