ނުޒޫގެ އިސްތަށިގަނޑު ކޮށާލައިފި

ނީނާ ފިލްމުގެ މަންޒަރެއްގައި ޝަރަފު އަބްދުﷲ އާއި ނުޒުހަތު ޝުއައިބު : ނުޒޫގެ އިސްތަށިގަނޑު ކޮށާލާފައިވާ ފޮޓޯއެއް ޕްރޮޑަކްޝަނުން ހާމަކޮށްފައެއް ނުވޭ --- ފޮޓޯ : އިލްޔާސް ވަހީދު (އިއްލެ)

އައިފިލްމްސްގެ ދެވަނަ ފިލްމު ކަމަށްވާ "ނީނާ"އަށް އެ ފިލްމުގެ ލީޑް އެކްޓަރުގެ ނުޒުހަތު ޝުއައިބުގެ ބޯ ކޮށާލާފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނެފި އެވެ.

ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް ދިޔައިރު ބިހައިންޑް ދަ ސީންސްގެ އާންމުކޮށްފައިވާ ފޮޓޯތަކުގައި ނުޒޫ އަބަދުވެސް ހުންނަނީ ބޮލުގައި ބީނީއެއް އަޅައިގެންނެވެ. އެއާއެކު ގިނަ ބަޔަކު އޭނާ އިސްތަށިގަނޑު އެއްކޮށް ބާލައިގެން ކަމަށް ބުނެ ސުވާލު އުފައްދާފައެވެ.

އެންމެފަހުން އެންމެންގެން ސުވާލުތަކަށް ރައްދެއް ދެމުން އިއްލެ ބުނީ ފިލްމުގައި ނުޒޫގެ އިސްތަށިގަނޑު ކޮށާލާފައި ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

އިއްލެ ވަނީ ފިލްމުގެ އިތުރު މަންޒަރުތަކެއްވެސް ދާދިފަހުން އާންމުކޮށްފައެވެ. އެގޮތުން ދާދި ފަހުން އާންމުކުރި ފޮޓޯތަކުގައި ނުޒޫ އާއި ފިލްމުގެ ދެވަނަ ލީޑް އެކްޓަރު ޝަރަފު އަބްދުﷲ އެކީގައި ތިބި މަންޒަރު ފެނެއެވެ. އެއީ ފިލްމުން ރޮމޭންސްގެ ރަހަތައްވެސް ފެނިގެންދާނެ ކަމުގެ ހެއްކެކެވެ.

ނީނާ އަށް ކުރެވޭ އުއްމީދު ބޮޑުވާއިރު އެ ފިލްމުގެ ޝޫޓިން ވަނީ މިދިޔަ ހަފްތާގައި ނިންމާލާފައެވެ. ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ކުރިއަށް ގެންގޮސްފައިވަނީ ލ. އަތޮޅުގައެވެ.

ކްރައިމް އަދި ތްރިލާ ޖާންރާ ނީނާގެ ކާސްޓު ބޮޑެވެ. އެގޮތުން ފިލްމުގެ އިތުރު ރޯލުތަކުން ފެނިގެންދާ ފަންނާނުންނަކީ ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

comment ކޮމެންޓް