ވޯޓު ފޮށި ބެހެއްޓޭ ވަރަށް މިހާތަނަށް މީހުން ރަޖިސްޓްރީވީ އެންމެ ރިސޯޓަކުން: އަކުރަމް

2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓު ފޮށި ބަހައްޓަން ފުރުސަތު ހުޅުވާލި ރިސޯޓުތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރިސޯޓަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކުރަމް ވިދާޅުވީ ވޯޓު ފޮށި ބަހައްޓަން ފުރުސަތު ހުޅުވާލި ރިސޯޓުތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ކޮށްފައިވަނީ ކްލަބް މެޑް ކަނިފިނޮޅުން އެކަނި ކަމަށެވެ.

ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު 53 ރިސޯޓަކަށް ދިން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ މި މަހުގެ 27ގެ ނިޔަލަށް، 50 މީހުން އެ ރިސޯޓެއްގައި ރީ-ރަޖިސްޓްރީ ކުރައްވާފައިވާނަމަ،" އަކުރަމް ވިދާޅުވި އެވެ.

އޭޕްރީލު ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ އާއި 178 ރަށަށް 982 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެއީ 3،000 މީހުންނަށް ވުރެ އާބާދީ އިތުރު 15 ރަށާއި 3،000 މީހުންނަށް ވުރެ އާބާދީ ދަށް 163 ރަށެވެ.

އާބާދީގައި 3،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށަށް ހަތް ކައުންސިލަރުން އިންތިހާބުކުރާ އިރު، 3،000 އިން ދަށުގެ ރަށްރަށުގައި ފަސް ކައުންސިލަރުން އިންތިހާބުކުރާނެއެވެ.

މީގެ އިތުރުން މާލެ ސިޓީއަށް 19 ކައުންސިލަރުން، އައްޑޫ ސިޓީއަށް 13 ކައުންސިލަރުން އަދި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީއަށް ހަތް ކައުންސިލަރުން އިންތިހާބުކުރާނެއެވެ.

comment ކޮމެންޓް