"ރަށްވެހި ފަތިސް" ކެމްޕޭނަށް ރައީސާއި ނަޝީދު އަންނަ މަހު އަތޮޅު ތެރެއަށް

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕޭނުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މާޗު މަހު އަތޮޅު ތެރެއަށް ދަތުރުތައް ފައްޓަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީ ކެމްޕޭނުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ރައީސް އާއި ނަޝީދުގެ މި ދަތުރުފުޅުގައި އެކި އަތޮޅުތަކުގެ އެކިއެކި ރަށްތަކަށް ވަޑައިގެން ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ އެބޭފުޅުންނާއިއެކު ދޮރުންދޮރަށް ހިންގަވާ ޖަލްސާތައް ބާއްވަވާ އަދި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ދެ ރައީސުން އަތޮޅުތެރެއަށް ވަޑައިގަންނަވާނެ ތާރީހުތައް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ދެ ރައީސުން ވަޑައިގަންނަވާނެ އަތޮޅުތަކާއި ރަށްތައް ވެސް ހާމަކޮށްފައެއް ނުވެއެވެ.

އަފްޝަން ވިދާޅުވީ "ރަށްވެހި ފަތިސް" ކެމްޕޭނުގެ މުހިންމު ކަމެއްގެގޮތުން މި މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކެމްޕޭނުގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ފެށިގެންދާނެކަމަށެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

އޭގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށާއި، އޭގެ ތެރޭގައި 337 އަންހެން ކެންޑިޑޭޓުން ހިމެނޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

comment ކޮމެންޓް