އިންޑިއާގައި ހާލުގައި ޖެހުނު އާއިލާއަށް ޒަކާތު ފަންޑުން އެހީވިގޮތާ މެދު ސުވާލު އުފައްދައިފި

30 ނޮވެމްބަރު 2016: އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުގެ އެހީގައި ތެލެސީމިއާ ހުންނަ ހަ ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތުދީ އެކަމުގެ ލިއުން ހަވާލުކުރުމަށް މިއަދު އިސްމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ދިހަ އަހަރު ހާލުގައި ޖެހި ރާއްޖެނާދެވި އިންޑިއާގައި ތާށިވި ދިވެހި އާއިލާއަކަށް ޒަކާތު ފަންޑުން އެހީދިން ގޮތާ މެދު އޮޑިޓް އޮފީހުން ސުވާލުއުފައްދައިފި އެވެ.

އޮޑިޓް އޮފީހުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ނެރުނު އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާއެއްގެ ޕާސްޕޯޓް އެގައުމުގެ ކޯޓުގައި ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ހިފެހެއްޓި ކަމަށެވެ.

އެ އާއިލާގެ މީހަކު އިންޑިއާގެ މީހެއްގެ އަތުން ފައިސާތަކެއް ނަގާފައި ވާތީ އެ ފައިސާ ދައްކައި ހަލާސްކުރުމުން ނޫނީ ޕާސްޕޯޓް ކޯޓުން ދުލެއް ނުކުރި އެވެ.

އެ މައްސަލާގައި އެއާއިލާއިން ބުނެފައިވާ ގޮތުގައި އިންޑިއާގައި އޭރު އުޅެމުން ދިޔަ އިރު އިމްޕޯޓް އެކްސްޕޯޓްކުރާ ކަމަށް ބުނެ ދިވެއްސަކު އެހީއަށް އެދުނު ކަމަށެވެ. މުދާތަކެއް ބޭރުނުކުރެވިގެން 1.1 މިލިއަން އިންޑިއަން ރުޕީސްގެ އެހީއަށް އެދުނު ކަމަށާއި ބަދަލުގައި އެ މުދާ ވިއްކައިގެން އޭގެ 30 ޕަސެންޓް ދޭނެ ކަމަށް ބުނިކަމަށް އާއިލާއިން ބުނެފަ އެވެ.

https://sun.mv/106385

އެ އާއިލާއިން ފަހުން ވަނީ އިންޑިއާގެ މީހެއްގެ އަތުން ދަރަންޏަށް ނަގައިގެން އެ ފައިސާ ދިވެހި މީހާއަށް ދީފަ އެވެ. ނަމަވެސް އެއީ އޮޅުވާލުމެއް ކަން އެނގި އެ އާއިލާއަށް ފައިސާ ވެސް ނުލިބުނެވެ. އަދި އާއިލާއިން ދަރަންޏެއް ނެގި ފައިސާ ދެއްކޭނެ ގޮތް ނުވެ ކޯޓަށް މައްސަލަ ހުށަހެޅުމުން 2009 އިން ފެށިގެން ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ނަމަވެސް އާއިލާއިން އެހީއަށް އެދުމުން ޒަކާތު ފަންޑުން 2018 ވަނަ އަހަރު ވަނީ 252،759 ރުފިޔާގެ އެހީދީ އާއިލާ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.

އޮޑިޓް އޮފީހުން ބުނީ އެ މައްސަލަގައި ޒަކާތު ފަންޑުން ފައިސާދޫ ކުރި އިރު އެއީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއްތޯ ކަށަވަރުކޮށްފައިނުވާ ކަމަށެވެ.

އެގޮތުން އެ މައްސަލާގައި އިންޑިއާ ސަރުކާރުގެ ރަސްމީލިޔުމެއް (ކޯޓު ލިޔުމެއް، ނުވަތަ ޕޮލިސް ރިޕޯޓެއް) ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

"އަދި އެ ފައިސާ ކޯޓަށް ދައްކާފައިވާކަަން އެނގޭނެ ރަސްމީ ލިޔުމެއް މިނިސްޓްރީން ހޯދާފައިނުވުމުގެ ސަބަބުން އެހީގެ ގޮތުން ދީފައިވާ އަދަދު ކޯޓަށް ދައްކާފައިވާކަން ވެސް ކަށަވަރުކުރެވިފައެއް ނުވެ އެވެ. މިހެންވުމުގެ ސަބަބުން ޒަކާތު ފަންޑުން އެ ފަރާތަށް ފައިސާގެ އެހީދިން މަގްސަދުހާސިލްވިކަން ޔަގީންކުރެވިފައެއް ނުވެ އެވެ." އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވެ އެވެ.

comment ކޮމެންޓް