އެމެރިކާގެ ރައީސްގެ "ޑޫމްސްޑޭ ޕްލޭން" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

އެމެރިކާ އެއާފޯސްގެ "ޑޫމްސްޑޭ ޕްލޭން" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ މޯލްޑިވިއަން ޕްލޭންސްޕޮޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ވަޑައިގެން އުޅުއްވާއިރު، އެގައުމުގެ ރައީސުން ދަތުރުތައް ކުރައްވާއިރު ބެކްއަޕެއްގެ ގޮތުގައި ގެންގުޅޭ E-4B ނައިޓްވޮޗް ބޯޓު ނުވަތަ "ޑޫމްސްޑޭ ޕްލޭން" ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފިއެވެ.

ބޯއިން އީ4 އެޑްވާންސްޑް އެއާބޯން ކޮމާންޑް ޕޯސްޓް (އޭއޭސީޕީ) ނުވަތަ "ޑޫމްސްޑޭ ޕްލޭން" ވީއައިއޭގައި ޖައްސާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޑިއާއަށް ވަޑައިގެންނެވި ފަހުންނެވެ. ރައީސް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެގައުމުގައި ދެ ދުވަސް ހޭދަ ކުރައްވާނެ އެވެ.

އެ ބޯޓަކީ އެމެރިކާގެ ރައީސް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ވެސް ގެންދަވާ ބޯޓެކެވެ.

ގާތްގަނޑަކަށް 223 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި ބޯޓު ވެގެން ދާނީ އެންމެ ނުރައްކާ ކުއްލި ހާލަތްތަކުގައި އެމެރިކާގެ އެންމެ އިސް ވެރިންގެ ކޮމާންޑް އަދި ކޮންޓްރޯލް ސެންޓަރަށެވެ. އެގޮތުން ގުދުރަތީ ބޮޑު ހާދިސާއެއް ނުވަތަ ނިއުކްލިއާ ހަނގުރާމައެއް ފެށުން ފަދަ ނުރައްކާތެރި ހާލަތެއްގައި ބޯޓުގައި ހުންނަވައިގެން އެމެރިކާގެ ރައީސަށް ގައުމު ހިންގޭނެ އިންތިޒާމު އެ ބޯޓުގައި ހަމަޖެހިފައި ހުރެއެވެ.

މި ބޯޓު އުފައްދައި، އެމެރިކާގެ އެއާފޯސްގެ ބެލުމުގެ ދަށުން ހިންގާ އެގައުމުގެ ރައީސްގެ ފްލީޓުގައި ހިމެނީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އައި ފިނި ހަނގުރާމައިގެ ދުވަސްވަރު ނިއުކްލިއާ ހަނގުރާމައެއް ފަށާފާނެކަމުގެ ބިރަށްޓަކައި، އެމެރިކާގެ ރައީސަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.

https://sun.mv/131952

އެ ބޯޓު އުފައްދާފައިވަނީ ނިއުކްލިއާ ބޮމެއްގެ އަސަރަށް ނުގުޑާ، އަދި އެތެރޭގައި ތިބޭ މީހުން ރޭޑިއޭޝަނުން ރައްކާތެރިވާނެ ފަދަ ގޮތަކަށެވެ. އަދި ބޯޓުގެ އިކުއިޕްމަންޓާއި ވަޔަރިންވެސް ހުންނަނީ އިލެކްޓްރޯމެގްނެޓިކް ޕަލްސަކުން ސަލާމަތްވާނެ ފަދަ ގޮތަށް ފަރުމާކޮށްފައެވެ.

އެ ބޯޓުގައި އެއާފޯސްގެ ކްރޫއިން ތިބޭނެ ސަރަހައްދަކާއި ކޮންފަރަންސް ރޫމަކާއި ބްރީފިންގް ރޫމެއްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ކޮމިއުނިކޭޓުކޮށް ހެދުމަށް ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖިކަލް ކޮންޓްރޯލް ސެންޓަރެއް ހުރެއެވެ.

އަބަދުވެސް ތައްޔާރީ ހާލަތަށ އޮންނަ މި ބޯޓަކީ މުޅި ދުނިޔޭގައިވެސް އޮޕަރޭޓުކުރުމަށް އެންމެ ހަރަދު ބޮޑު އެއާކްރާފްޓެވެ. މި ބޯޓު އުދުއްސުމަށް ގަޑިއިރަކަށް 160،000 އެމެރިކާ ޑޮލަރު ޚަރަދުވާ ކަމަށް ބިޒްނަސް އިންސައިޑާ ނޫހުން ރިޕޯޓުކުރެއެވެ.

ބޮއިންގް ކުންފުނިން އުފައްދާފައިވާ އެ ބޯޓަކީ ވައިގެ ތެރޭގައި ތެޔޮ އެޅޭ ގޮތަށް ހަދާފައިވާ، ހުއްޓުމެއްނެތި ދިގު މުއްދަތަކަށް ދަތުރު ކުރެވޭ ބޯޓެކެވެ. އަދި ހަތަރު އިންޖީނުލީ އެ އުޅަނދުގައި 112 މީހުންނަށް ތިބެވޭނެ އެވެ.

comment ކޮމެންޓް