އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފަކު މުސާރައިގެ ގޮތުގައި 62،200 ރުފިޔާ ނެގިކަން ހާމަވެއްޖެ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު--- ސަން ފައިލް ފޮޓޯ

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފަކު މުސާރައިގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ނެގިކަން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން މީގެ ހަފްތާއެއްހާ ދުވަސްކުރިން އާންމުކުރި އޮޑިޓް ރިޕޯޓްގައިވާ ގޮތުން ވަޒީފާގައި ނޫޅޭ މުވައްޒަފެއްގެ ނަމުގައި 62،200 ރުފިޔާ ވަނީ ނަގައިފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ ނަގާފައި ވަނީ އިސްލާމިކް މިނިސްޓްރީގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކު އޭނާގެ ދަރިފުޅު ޑޭޓާ ބޭސްގައި ރަޖިސްޓްރީކޮށްގެންނެވެ.

ނަމަވެސް އޭނާގެ މައްސަލަ ސަމާލުކަމަށް އައުމާއެކު އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ މުވައްޒަފު ވަޒީފާއިން ވަކިކޮށްފަ އެވެ.

އޭގެ އިތުރުން އެ މުވައްޒަފު މުސާރައިގެ ގޮތުގައި ހައްގުވާވަރަށް ވުރެ އިތުރަށް އޮޅުވާލައިގެން އިތުރުގަޑީގެ ފައިސާގެ ގޮތުގައިި 13،967 ރުފިޔާ ނަގައިފައިވާ ކަންވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ޖުމްލަ 76،167 ރުފިޔާ އެ މުވައްޒަފު ވަނީ މުސާރައިގެ ގޮތުގައި ނަގައިފަ އެވެ.

ނަހަމަ ގޮތުގައި ނެގި ފައިސާތައް ހަލާސްކުރުމަށް މިނިސްޓްރީން އެންގި ނަމަވެސް މިދިޔަ ނޮވެމްބަރު މަހާ ހަމައަށް 41360 ރުފިޔާ އަދި ވެސް ނުދައްކާ އޮތް ކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފަ އެވެ.

އެހެންކަމުން އޭނާގެ މައްސަލަ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުވާކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމަށް އޮޑިޓް ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ.

އޭނާ ވަނީ ކުރިން ސަރުކާރުގެ އެހެން އޮފީހެއްގައި ވެސް ފައިސާގެ މައްސަލައިގައި ވަޒީފާ އިން ވަކިކޮށްފަ އެވެ.

comment ކޮމެންޓް