އިމްރާން ޖަލުގައި ރައީސް ޔާމީންއާ ބައްދަލު ކުރައްވައިފި

ރައީސް ޔާމީން އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލު ކުރައްވައިފި އެވެ.

އިމްރާން ރައީސް ޔާމީންއާ ބައްދަލު ކުރެއްވީ، މިއަދު މިނިސްޓަރު މާފުށީ ޖަލުގެ ހާލަތު ބެއްލެވުމަށް ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ކަރެކްޝަނަލް ސާވިސަސްއިން މިއަދު ބުނީ، އެ ޒިޔާރަތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ރައީސް ޔާމީންއާ އިމްރާން ބައްދަލުކުރައްވައި، އެމަނިކުފާނުގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައިވާ ކަމަށެެވެ.

ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.

އިމްރާން ޖަލަށް ކުރެއްވި ޒިޔާރަތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅުވެސް ބައިވެރިވެވަޑަިއގެންނެވި އެވެ.

އިމްރާން ރައީސް ޔާމީންއާ ބައްދަލުކުރެއްވިއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑު އެހުމެއް މިއަދު މެންދުރު 1:00 ގައި ހައި ކޯޓުގައި ވަނީ ބާއްވައިފަ އެވެ.

އެމަނިކުފާނު މިދިޔަ ހަފްތާ ބުދަ ދުވަހު ޓެސްޓްތަކެއް ހެދުމަށް މާލެވެސް ގެނެ އެވެ. އައިޗީއެމްއެޗްގައި ޓެސްޓުތައް ހެދުމަށްފަހު މިދިތަ ހޮނިހިރު ދުވަހު ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފަ އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ ދެ އަޑުއެހުމެއް މިހާތަނަށް ހައިކޯޓުގައ ވަނީ ބާއްވާފަ އެވެ. އިސްތިއުނާފުގެ އަޑުއެހުމުގައި އެމަނިކުފާނު ވަނީ ސިއްހީ ހާލަތާ ހުރެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި ކަފާލާތުގެ ދަށުން މިނިވަންކޮށް، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

ނަމަވެސް އެންމެ ފަހުން މިމަހު ހަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމާފައިވަނީ ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށާއި، އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ނިންމާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކުރުމަށްވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

comment ކޮމެންޓް