ތައިލެންޑުގެ އެއްވަނައާ ވާދަކޮށް ދީމާއަށް ރިހިމެޑަލް

ރާއްޖޭގެ ޓީޓީ ޗެމްޕިއަން ދީމާ އަލީ --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

ތައިލެންޑުގައި ކުރިއަށްދާ ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިން ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައިފި އެވެ.

އުމުރުން 14 އަހަރުގެ ދީމާ އަށް ރިހި މެޑަލް ލިބުނީ މިއަދު އޮތް ފައިނަލުގައި 15 އަހަރުން ދަށުގެ އުމުރުފުރާގައި ތައިލެންޑުގެ އެއް ވަނަ ކުޅުންތެރިޔާއާ ވާދަކޮށް ބަލިވުމުންނެވެ. ތައިލެންޑުގެ މި ކުޅުންތެރިޔާއާ ވާދަކޮށް ދީމާ ބަލިވީ 11-04، 11-06 އަދި 11-03 އިންނެވެ.

ވަރުގަދަ މެޗުތަކެއް ކުޅުމަށްފަހު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދީމާ މި މުބާރާތުން ފުރުސަތު ހޯދީ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗެއް ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ކުއާޓާ ފައިނަލުން މެޗުން 3-1 އިން ދީމާ މޮޅުވިއިރު ސެމީ ފައިނަލުގައި ދީމާ ވަނީ ތައިލެންޑުގެ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅެ 3-2 އިން މޮޅުވެފަ އެވެ.

މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލުގައި ތައިލަުންޑުގެ 15 އަހަރުން ދަށުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ ބަލިކުރީ އެކުޅުންތެރިޔާ ދެ ސެޓު ގެންގޮސްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓުން މޮޅުވެގެންނެވެ. ތައިލެންޑް ކުޅުންތެރިޔާ ފުރަތަމަ ދެ ސެޓު ގެންދިޔައީ 14-12 އަދި 12-10 އިންނެވެ. އެކަމަކު ހިތްވަރު އެލުވާ ނުލައި ކުޅެ ދީމާ ފަހު ތިން ސެޓު ކާމިޔާބުކުރީ 08-11، 06-11 އަދި 09-11 އިންނެވެ.

މި މުބާރާތުގައި ދީމާ ވަނީ 18 އަހަރުން ދަށުގެ ބައިގައި ވެސް ވާދަކޮށްފަ އެވެ. އެބައިން ދީމާ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާއިރު ކުއާޓާ ފައިނަލުން ދީމާ ބަލިވީ ތައިލެންޑްގެ އެ އުމުރުފުރާގެ އެއް ނަންބަރު ކުޅުންތެރިޔާ އަތުންނެވެ.

ދީމާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކަކުން މެޑަލް ހޯދައިދީފަ އެވެ. އެގޮތުން ދީމާ ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭއްވި ގައުމީ މުބާރާތުން ވެސް ޗެމްޕިއަންކަން ހޯދި ދީމާ ވަނީ މިދިޔަ އަހަރު އޮތް ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހާސިލްކޮށް އޭޝިއާ ހޯޕްސް މުބާރާތުގެ ރިހި މެޑަލް ހޯދައި ވޯލްޑް ހޯޕްސް ސްކޮޑުން ފުރުސަތު ހޯދައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް