ލިވަޕޫލުގެ ކުރީގެ ވައިސްކެޕްޓަންގެ ނަސޭހަތް ދިވެހި ކުޅުންތެރިންނަށް!

ރާއްޖޭގެ ހަރަކާތްތެރިވާ އެންމެ ބޮޑު ބައިނަލް އަގުވާމީ ފޭން ކުލަބު ކަމަށްވާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް"ގެ ދައުވަތަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން އަދި ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާ އަންނަނީ ރާއްޖެއަށް ދަތުރެއް ކުރަމުންނެވެ. ފޭން ކުލަބުގެ މެންބަރުންނާ އެކު، އެގާ ރޭ ބޭއްވި ހަފްލާއެއްގައި އޭނާ ވަނީ ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަށް އަގުހުރި ނަސޭހަތެއް ދީފަ އެވެ.

ސޯލްޓް ކެފޭގައި ރޭ ކުރިއަށް ދިޔަ މި ހާއްސަ ހަރަކާތުގައި ލިވަޕޫލް ސަޕޯޓަރުންގެ ކުލަބު މެމްބަރުންގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި ހަރަކާތުގައި މުޅި އުމުރު ދުވަހު ލިވަޕޫލް ސަޕޯޓަރެއްގެ ގޮތުގައި ދެމިހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ހަރަކާތުގައި ކުޅިވަރު މިނިސްޓަރ މަހްލޫފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެގާ ބުނީ ރާއްޖޭގެ އާބާދީގައި 350،000 މީހުން ތިބުމަކީ ކުރިއަށް ނުދެވެންވީ ސަބަބެއް ނޫން ކަމަށެވެ.

ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއެލް އެގާއާ އެކު ރާއްޖޭގެ ލިވަޕޫލް ފޭން ކުލަބުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު ސައީދު

"އަހަރެންނަށް ޔޫރަޕުން ވެސް ފެނިފައި އެބަހުރު 300،000 މީހުންގެ އާބާދީގެ ގައުމުތައް އެންމެ މަތީ ފަންތީގައި ކުޅޭ މަންޒަރު. މިސާލަކަށް އައިސްލޭންޑެ، 350،000 މީހުންގެ އާބާދީއެއް. އެމީހުން ވެސް ސާބިތުކޮށްދީފި މިއީ ނުވާނެ ކަމެއް ނޫން ކަން،" އެގާ ބުންޏެވެ.

އެގާ ބުނީ ފުޓުބޯޅައިގައި އެންމެ މުހިއްމު ކަމަކީ ގުދުރަތީ ގޮތުން ލިބިފައި ހުރި ދުޅަހެޔޮކަން ނުވަތަ ހުނަރު ނޫން ކަމަށެވެ. އަދި ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން އެ ފެންވަރަށް ދިޔައީ ބުރަ މަސައްކަތާއި ހިތްވަރުން ކަމަށް އޭނާ ބުންޏެވެ. އަދި ކުޅުންތެރިއަކު ކުރިއަރާ ދިއުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ އެއްޗަކީ ތަފާތު ވިސްނުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުޓުބޯޅައަކީ ފައިން ކުޅޭ އެއްޗެއް ކަމަށް ވިޔަސް އަހަރެން ގަބޫލު ކުރާ ގޮތުގައި ފުޓުބޯޅަ ކުޅެނީ ސިކުނޑިން. ފިސިކަލީ ކިތަންމެ ރަނގަޅު ހަށިގަނޑެއް ހުއްޓަސް ވިސްނުންތޫނު ކުޅުންތެރިން ކުޅުމުގައި މާ ކާމިޔާބު." އެގާ ބުންޏެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ ޖުމުލަގޮތެއްގައި އިސްކޮޅުން ކުރު ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ހަލުވި ވެފައި ހުނަރުގެ ގޮތުން ސަރަހައްދީ ޓީމުތަކަށް ގޮންޖަހާލާ އިރު ފުޓުބޯޅައިގައި އިސްކޮޅަކީ ކޮންމެހެން ޓީމެއް ނުވަތަ ކުޅުންތެރިއަކު މޮޅުވާންވީ ސަބަބެއް ނޫން ކަމަށް އެގާ ވަނީ ބުނެފަ އެވެ.

"ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަކީ ވެސް ޖުމުލަކޮށް ކުރު ކުޅުންތެރިއެއް. އެކަމަކު އެހެން ކުޅުންތެރިންނާއި އޭނާ ތަފާތު ވާ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި. އަހަރެން ގަބޫލު ކުރަނީ ކުޅުންތެރިއަކު މޮޅުވަނީ އެކުޅުންތެރިއެއްގެ ވިސްނުމުގެ ސަބަބުން ކަމަށް،" ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީގެ ވާހަކަ ނުސީދާކޮށް ދައްކަމުން އެގާ ބުންޏެވެ.

އެގާ ބުނީ، ލިވަޕޫލުގެ ޑިފެންސަށް އޭނާ ކުޅުނު ދުވަސްވަރު ހުއްޓުވަން އެންމެ އުނދަގޫވީ ބޮޑެތި، ފިސިކަލް ކުޅުންތެރިން ނޫން ކަމަށެވެ. އެގޮތުން ބިޔަ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ފަސޭހަ ވަނީ އެކުޅުންތެރިން ކުރަން އުޅޭ ކަންތައް ފަސޭހައިން ދެނަގަނެވޭތީ ކަމަށް އެގާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ކުޑަކޮށް ތިބޭ ކުޅުންތެރިންގެ ތެރެއިން ވިސްނުންތޫނު ކުޅުންތެރިންނަކީ އޭނާއަށް ކެރިއަރުގައި ހުއްޓުވަން އެންމެ އުނދަގޫ ކުޅުންތެރިން ކަމަށެވެ.

އެގާ ބުނި ގޮތުގައި ރާއްޖޭގެ ކުޅުންތެރިން ވެސް އެ ވިސްނުމުގައި ކުޅެފި ނަމަ ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އޭނާގެ ތަޖުރިބާގެ އަލީގައި އެބައޮތެވެ.

comment ކޮމެންޓް