ޔުގެންޑާގެ މުބާރާތުން ޒަޔާންއާއި ނަބާހާ ލޯ މެޑަލް ހޯދައިފި

މިދިޔަ އަހަރު ޕާކިސްތާނުގައި އޮތް މުބާރާތުގައި ޒަޔާން އާއި ނަބާހާ ޗެމްޕިއަން ޓްރޮފީއާއެކު

ޔޫގެންޑާ ކުރިއަށް ދިޔަ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާއިން ލޯ މެޑަލް ހޯދައިފި އެވެ.

ވާދަވެރި ބޮޑެތި ގައުމުތަކެއް ކަޓުވާލުމަށްފަހު ޒަޔާނާއި ނަބާހާ އެ މުބާރާތުން ލޯ މެޑަލް ހޯދީ ސެމީއަށް ދަތުރުކޮށްގެންނެވެ. އިއްޔެ ކުޅުނު ސެމީގައި އިންޑިއާގެ ކޯނާ ތަރުން އާއި ޖައްކަމްޕޫޑީ މޭގްނާ އަތުން ބަލިވުމުން ރާއްޖޭގެ ޕެއާއަށް ވަނީ ލޯ މެޑަލް ލިބިފަ އެވެ. އެއީ މުބާރާތުގެ ގަވާއިދުގައި ވާގޮތުން ސެމީން ބަލިވިޔަސް މެޑަލް ލިބޭތީ އެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުން ތަރުން އާއި މޭގްނާގެ ޕެއާއިން ޒަޔާން އަދި ނަބާހާގެ ޕެއާ އަތުން މޮޅުވީ 21-01، 21-09 އިންނެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ ވެސް ތަރުން އާއި މޭގްނާގެ ޕެއާ އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ ޗެމްޕިއަނުން ކަމަށްވާ ޒަޔާން އާއި ނަބާހާގެ ޕެއާ ޖާގަ ހޯދީ، ކުއާޓާ ފައިނަލް މެޗްގައި ކެންޔާގެ މިކްސް ޑަބަލްސް އެއް ނަންބަރު ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހު އެވެ. އެ މެޗްގެ ސެޓްތައް ޒަޔާން އާއި ނަބާހާގެ ޕެއާ ގެންގޮސްފައިވަނީ 21-19 އަދި 21-16 އިންނެވެ. އޭގެ ކުރިން ޔޫގެންޑާގެ ޕެއާ އެއް ކަމަށްވާ ޖޯޑަން ނިވަގާބާ އާއި ކެރޮލިން ނެގޮޔަންބާ އަތުން މޮޅުވީ 21-03 އަދި 21-05 އިންނެވެ.

ރާއްޖޭގެ މި ޕެއާއިން ވަނީ މިދިޔަ ނޮވެމްބަރު މަހު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް އިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް އެވެ.

މި މުބާރާތުގައި ޒަޔާން އާއި ނަބާހާގެ އިތުރުން މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ އަންހެން ސިންގަލްސް ބައިން ރާއްޖެއަށް ރަން މެޑަލް ހޯދައިތިން އާމިނަތު ނަބީހާ ވެސް ބައިވެރިވެފައިވެ އެވެ.

މުބާރާތުގެ ސިންގަލްސް ބައިގައި މި ތިން ކުޅުންތެރިން ވާދަކޮށް އެދެވޭ ކާމިޔާބެއް ލިބިފައި ނުވި ނަމަވެސް ނަބާހާ އާއި ނަބީހާގެ ޑަބަލްސް ޕެއާ ވަނީ އިއްޔެ ހެނދުނު ކުޅުނު ފުރަތަމަ ބުރުގެ މެޗް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ.

comment ކޮމެންޓް