ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޔޫއޭއީ ނޫސްވެރިން

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ފެމެލަރައިޒޭޝަން ޓްރިޕްތަކުގެ މިއަހަރުގެ ހަތަރުވަނަ ދަތުރުގައި ޔޫއޭއީގެ ނޫސްވެރިން ރާއްޖެ އައިސްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އެމްއެމްޕީއާރުސީ އާއި އިއްތިހާދު އެއާލައިންސް ގުޅިގެން ޔޫއޭއީގެ ނޫސްވެރިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ޔޫއޭއީގެ ނޫސްވެރިންނަށް ފޭމް ޓްރިޕް ކުރިއަށް ގެންދަނީ "ލަގްޒަރީ" ތީމް އަށެވެ. މި ދަތުރުގައި ރާއްޖޭގެ ލަގްޒަރީ އަދި ގުދުރަތީ ރީތިކަން މެދުއިރުމަތީގައި އިޝްތިހާރު ކުރުމުގެ މަގުސަދުގައެވެ.

ޔޫއޭއީގެ ނޫސްވެރިންގެ ޓީމުގައި ދަ އިންސައިޑާގެ ނޫސްވެރިންގެ އިތުރުން މަގުބޫލު ބްލޮގަރުން ހިމެނެއެވެ.

މި ޓީމުން ރާއްޖޭގައި ފަސް ދުވަސް ހޭދަކުރާނެއެވެ. ޓީމުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ އިތުރުން ވެސްޓިން މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުގައި ތިބޭނެއެވެ.

މި ރިސޯޓުތަކުން ލިބެން ހުރި ހިދުމަތްތައް ތަޖުރިބާކޮށް ރާއްޖޭގެ ލަގްޒަރީ ސައިޑް ތަޖުރިބާ ކުރުމުގެ ފުރުސަތު މި ޓީމަށް ދޭނެއެވެ. މި ޓީމުގެ ތަޖުރިބާ ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ޝާއިއުކުރާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މިދިޔަ އަހަރު 60،003 ފަތުރުވެރިން މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.1 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރަށްވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ.

comment ކޮމެންޓް