ހަރަކާތްތައް ނުބާއްވަން އެޗްޕީއޭ އިން އިލްތިމާސްކުރީ ޕީޕީއެމްގެ ޖަލްސާ ބާއްވާތީ: އަދުރޭ

އަދުރޭ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗެޕީއޭ) އިން އިލްތިމާސްކުރީ އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާ ބާއްވާތީ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސްކުރީ ކޮވިޑް19 (ކޮރޯނާ ވައިރަސް)އާ ގުޅިގެންނެވެ.

ޕީޕީއެމް އިން ސިލްސިލާކަށް ކޮންމެ ރެއަކު އެޕާޓީގެ އޮފީހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު އެމްޑީޕީންވެސް ޖަލްސާއެއް ބޭއްވި ކަމަށާއި ނަމަވެސް އެ ޖަލްސާއާ ދިމާކޮށް އެޗްޕީއޭ އިން އެފަދަ އިލްތިމާސެއް ނުކުރާ ކަމަށެވެ.

"ކުއްލިއަކަށް މިކަން ދީމާވީ ކީއްވެގެނެބާއޭ. މީގެ ދެރޭ ކުރިންވެސް ތަނަކަށް ބަޔަކު އެއްވާނެ ކަމަށް ހީކޮށް، ތަނަކަށް އެއްވެ، ބަޔަކު ވާހަކަ ދައްކާ ހަދައިފި. އެރަކު އެޗްޕީއޭ އިން މި ކަންބޮޑުވުމެއް ނެތް. މިކަހަލަ އިލްތިމާސްތަކެއް ނުކުރޭ. ކުއްލިއަކަށް 28 ވަނަ ދުވަހުގެރޭ ބަޔަކު ކަމެއް ކޮށްފާނެހެން ހީވީމަ، މިކަން އަނެއްކާ ސިޔާސީ ކުރަނީބާއޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެޗްޕީއޭ އިން އެގޮތަށް އިލްތިމާސް ކުރީ ކީއްވެގެންތޯ ސާފުވާ ޖެހޭ ކަމަށެވެ. އެގޮތަށް އިލްތިމާސް ކުރުމުން ބިރުވެރިކަން އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ސަރުކާރަށް އޭނާ ގޮވާލެއްވިއެވެ.

"އަޅުގަނޑު ހިތަށް އަރާ ކިހިނެތްބާއޭ މިވީ ކުއްލިއަކަށް. އަނެއްކާ ކޮރޯނާ ވައިރަސް ރާއްޖޭގައި އޮތީބާއޭ. އެހެން ކަމަށްވާނަމަ، މިކަން އެބަޖެހޭ ރައްޔިތުންނަށް ހާމަކޮށްދޭން. މިއީ އެއްގޮތަކަށްވެސް ސިއްރުކޮށްގެން ތިބޭވަރު ކަމެއް ނޫން. އެއަށްވުރެ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް،"އަދުރޭ ވިދާޅުވިއެވެ.

އެޗްޕީއޭ އިން އެގޮތަށް އިލްތިމާސް ކުރިއިރު، ރާއްޖޭގެ ސްކޫލްތައް ބަންދު ނުކުރަނީ ކީއްވެގެންތޯ އަދުރޭ ސުވާލު އުފެއްދިއެވެ.

"ކުއްލިއަކަށް މާދަމާ ރެޔާ ނުވަތަ 28 ވަނަ ދުވަހުގެ ރެޔާ ކުރިމަތިކޮށް، މިކަހަލަ ބަޔާނެއް މި ނެރުނީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށް އަރާ. ހަމަ ހަގީގަތުގައިވެސް ކުއްލިއަކަށް ވީކަމެއް ބާއޭ،" އަދުރޭ ވިދާޅުވިއެވެ.

ކޯރޯނާ ވައިރަސްގެ ވާހަކަ ދައްކައިގެން ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލް ކުރަން އުޅޭ ކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

"އެންމެ ބޮޑު އާބަދީ، ޗައިނާއިންވެސް މިއުޅޭނީ މިކަމުން އަރައި ނުގަނެވިގެން ކަންބޮޑުވެގެން. މިހާލަތަށް ގޮސްފައި އޮތް ކަމެއްގައި، ރާއްޖެއިން ކީއްވެގެންބާއޭ މިހާ ލުއިކޮށް މިނަގަނީ. އަޅުގަނޑުމެންގެ ކޯލިޝަނުން ގޮވާލަން މާދަމާ ޕްރެސްއެއް ބާއްވައިގެންވެސް އެނޫން ގޮތަކުންނަމަވެސް ރާއްޖޭގައި ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް އުޅޭ ނަމަ، އެކަން ހާމަ ކުރުމަށް. އެއްގޮތަކަވެސް ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކޮރޯނާ ވައިރަސް ބޭނުން ކޮށްގެން މިކަން ކުރުއްވަން ނޫޅުއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް