ފުވައްމުލަކު ސިޓީން ސައިކަލަކާއި ގާޑިޔަލެއް ޖެހި، އަނިޔާވި މީހުން މާލެ ގެންނަނީ

ފުވައްމުލަކު މަގުމަތި: އެ ސިޓީން އެކްސިޑެންޓްވެ ދެ މީހަކު ފަރުވާއަށް މާލެ ގެންނަނީ --- ސަން ފައިލް ފޮޓޯޯ/ ފަޔާޒު މޫސާ

ފުވައްމުލަކު ސިޓީ ސައިކަލަކާއި ގާޑިޔަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުން އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 7:05 ގައެވެ.

ފުލުހުން މިރޭ ބުނީ، ފުވައްލަކު ދިގުވާޑު، ކްރިކެޓް ސްޓޭޑިއަމް ކައިރީ ސައިކަލަކާއި ގާޑިޔަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމަތު ލިބުނީ މިރޭ 7:05 ގައި ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ، ކްރިކެޓް ސްޓޭޑިއަމް ކައިރިން ހުޅަނގަށް ދުއްވާފައި ސައިކަލުގައި ގާޑީޔާގައި ހުރަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 64 އަހަރުގެ ފިރިހެނެކެވެ. އަދި ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ އަންހެން ކުއްޖަކަށެވެ. ގާޑިޔާ ދުއްވަން އިނީ، 32 އަހަރުގެ ފިރިހެނެކެވެ.

"މި އެކްސިޑެންޓްގައި 32 އަހަރުގެ މީހާގެ ފަޔަށް އަނިޔާޥެ، އަތުގެ ތެޔިއަހްނ ގޮސް، ބޮލުގެ ތެޔޮ ހަން ގޮސް، އެކި ވަރުގެ އަނިޔާ ލިބިފައިވޭ. އަދި ސައިކަލް ދުއްވި މީހާ ކޮނޑުގައި ފްރެކްޗާވެ އެކިވަރުގެ އަނިޔާވި،" ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓްގައި 16 އަހަރުގެ އަންހެން ކުއްޖާއަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި ދެ މީހުންނަށް ވެސް މިހާރު ޏ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ފުލުހުންގެ އިދާރާއަށް އެކްސިޑެންޓްގެ 301 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން މިމަހު މިހާތަނަށް ހުށަހެޅި 116 މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް