"ރަށްވެހި ފަތިސް" ކެމްޕޭންގައި ޕްލާސްޓިކް ބޭނުން ކުރާވަރު މަދުވާނެ: އެމްޑީޕީ

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީ އިން ކުރިއަށް ގެންދަން ނިންމާފައިވާ، “ރަށްވެހި ފަތިސް” ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމައިފި އެވެ.

އެމްޑީޕީގެ ކެމްޕޭން ހެޑްކުއާޓަރުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި "ރަށްވެހި ފަތިސް" ކެމްޕޭންގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވީ، މިފަހަރު ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަކެއްޗަށް ހަދާނެ ކަމަށެވެ.

"ރަށްވެހި ފަތިސް" ކެމްޕޭ ފެށުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި، ޖަލްސާގައި ބޭނުންކުރި ބެކްޑްރޮޕްތަކަކީ ފޮތިން ހަދާފައިވާ ބެކްޑްރޮޕްތަކެއްކަން އަފްޝާން ފާހަގަ ކުރެއްވި އެވެ. އެގޮތުން ކާނިވާ، ޖަލްސާގައި ހަރުކޮށްފައިވާ 20- 40 ފޫޓުގެ ބޮޑު ބެކްޑްރޮޕް ހަދާފައި ހުރީ ފޮތިން ކަމަށް އަފްޝަން ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޖަލްސާގައި ފެންފުޅި ބޭނުން ކުރުމުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ، ފެން ކޫލަރާއި ކަރުދާސް ތައްޓެވެ.

އަފްޝަން އިތުރަށް ވިދާޅުވީ، "ރަށްވެހި ފަތިސް" ޖަލްސާ ކުރިއަށް ގެންދިއުމަށް ރާއްވާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރާއި ޕާޓީއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޝަކުވާތައް ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

މީގެ އިތުރުން، އަންނަ ބުރާސްފަތި ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ދުވަސް ކަމަށާއި ފަހުވަގުތަށް ނުތިއްބެ، ވީހާ ވެސް އަވަހަށް ރީ-ރެޖިސްޓްރީ ކުރުމަށް ވެސް އަފްޝަން އެދި ވަޑައިގަތެވެ.

ރީ-ރަޖިސްޓްރޭޝަންގެ ކަންކަމުގައި އެހީތެރިކަމެއް ބޭނުންވާފަރާތްތަކަށް އެމްޑީޕީ ކެމްޕެއިން އޮފީސް، ސޯސަންމަގުގައި ހުންނަ ކުރީގެ ލުއުލުއު ފިހާރަ، ހިންގި އިމާރާތުން ލިބޭނެ އެވެ.


އަފްޝަން އަދި ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފޯމު ހުށަހެޅުމަށް އެންމެ ފަހުގެ ތާރީހަކީ މާދަމާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު