ނިރުބަވެރިޔާ - ދެވަނަ ބައި

[20 ފެބުރުއަރީ 2020އާ ގުޅޭ] - "އޯކޭ މާމާ.." އާލިޔާ މާމަ ގެންގޮސް މަންމައާއި ހަވާލުކޮށްފައި ނުކުތީ އައިސްކްރީމް ތަށިގަނޑެއް ގަނެލާށެވެ. މޯލަށް ވަދެފައި އައިސްކްރީމްތައް ލާފައި ހުރި ބިއްލޫރި ކޭސް ކައިރީ ހުއްޓުނުތަނާ ލުއި ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުނެވެ. އަދި ކައިރީގައި މީހަކު ހުއްޓިލިކަމުގެ އިހުސާސްވިއެވެ. އެމީރުވަސް ދުވަނީ އެ މީހަކު ޖަހާފައި ހުރި ސެންޓުންކަން އާލިޔާއަށް ޔަގީންވިއެވެ. އާލިޔާގެ ނަޒަރުގައި އަޅައިގަތީ އެ ޒުވާނާގެ އަތުގައި އޮތް ގަޑިއާއި ކަޅުނޫކުލައިގެ ޓީޝާޓެވެ.

"ވެނީލާ އަދި މިންޓް ޗޮކްލެޓް ޗިޕް އައިސްކްރީމް....."އާލިޔާ މަޑުމަޑުން ބުނެލިއެވެ.

"ޔަހޫދީން އުފައްދާ އެއްޗެހި ހަމަ ކާން ކަމުދޭތަ؟ " ކަޅުނޫޝީޓުގެ ވެރިޔާ ވަރަށް ހަމަޖެހިލާފައި އަހައިލުމުން ގާތުގައި ހުރި އެެކުވެރިޔާ ހިިނިގަނޑެއް ޖަހައިލިއެވެ. ހީކުރީ ޖަވާބެއް ނުލިބޭނެކަމުގައެވެ.

"ހަލާލު ލޯގޯ ޖަހާފައިވިއްޔާ ކަމުދޭ....." އާލިޔާ ވިސްނާލާފައި ޖަވާބުދިނެވެ.

"އަހަރެމެން ދީނަކީ ލުއިފަސޭހަ ދީނެއް. ތިހާ ސްޓްރިކްޓްއެއް ނުވާނެ.. ހަމަ މިމީހުން އުޅޭގޮޮތް އަޖައިބެއްނޫންތަ.........." އެ ޒުވާނާ މަޖާވެލާފައި ކިޔައިލިއެވެ.

"އަލްހަމްދުލިﷲ ތިބުނީ ތެދެއް. އޫރު އުޅޭ މާހައުލުގެ ނަޖިސްކަން ލޮލުން ދުށްމީހެއްވެސް އޭގެއިން އުފެއްދި އެއްވެސް އެއްޗަކާއި ކައިރިއެއްނުވާނެ. ދެން ވީ ބައެއް ތަންތާ އުޅޭ މީހުންހެން ބުޅާ ޑޯގް ބެޓް ހަރުފަ މަސް އަދި މަގެޓަށް ދާންދެން ކާން ދޯ. އިންސާނާ ކްރިއޭޓްކުުރެއްވި އޯލްމައިޓީ ހަލާލު އަދި ހަރާމް އެއްޗެހި އެންގެވުމުން ނިކަމެތި އަޅުން ސުވާލުކުރާނެ އަނގައެއް އޮތީމަ އަދި މާ އަޖައިބުވެއްޖެ. ޖެއްސުންނުކޮށް ތި ބޭފުޅާވެސް ހިދާޔަތް ލިބޭތޯ ދުއާ ކުރައްވާ. ވަށައިގެންވާ ކޮންމެ އެއްޗަކުން ކުޅަދުންވަންތަކަން ފެންނާނެ. އިންސާނުންނަށް ސިކުނޑިއެއް ދެއްވީ ކަމަކު....." އާލިޔާ އެ ޒުވާނުން ގެ އަނގަ ބަންދުކޮށްލާފައި އައިސްކްރީމްތަށިގަނޑު ހިފައިގެން ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ.

***

ވާރޭ ވެހުމަށްފަހު މަގުތަކުގައި ކޮންމެވެސް ވަރަކަށް ފެން ހަރުލާފައި ހުއްޓެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ފަދައެވެ. މާޒިންއާއި އޭނަގެ އެކުވެރިޔާ ކައިސް ތިބީ ކާރުތެރޭގައެވެ. މޫނު ފޮރުވައިގެން ހުރި އެ އަންހެންކުއްޖާ ދެއަތުން ބާޒާރު ކޮތަޅުތަކެއް ހިފައިގެން ކުރިއަށް ދިޔައިރު މާޒިންއިނީ ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

"މި ރަށުތެރޭ މި އެކްސްޓްރީމިސްޓުން ހަމަޖެހިލައިގެން އުޅޭވަރު. އަދި އެހާ ގަޓްއެބަހުރި. ޒިން އެއްޗެކޭ ބުނީމަ ވެސް ދަރުސްދޭންފެށީ......." ކައިސް ކާރު ދުއްވާލިއެވެ.

"މަގޭ ހިތަށް އަރާ ދެން މިހެން އުޅުނީމަ ކޮން އުފަލެއް ހިތްހަމަޖެހުމެއް ބާވައޭ ލިބެނީ. ނޫނީ ކޮންކަމެއް ފޮރުވަންހެއްޔޭ އެއުޅެނީ؟ އަސްލު މިކަން މަނާ ކުރަން ވެއްޖެ. ހަމައެކަނި ސަރުކާރުގެ ޖޮބްތަކުގައެއް ނޫން މޫނު ބުރުގާ މަނާ ކުރަންވީ..ބައްޕައާއި ބޮޑުބޭބެއަށް ދަންނަވައިގެން މި މީހުންތައް މައިތިރިކޮށްބަލަ ޒިން ....."

"އެބަ ވިސްނަމޭ. ބައްޕަމެންނަށް ނުވެއްޖެއްޔާ އަހަރެެމެންނަށްވެސް ކުރެވޭނެ ކަންތައް ހުންނާނެތާ....."

ކައިސް ކުއްލިއަަކަށް ކާރުގެ ދުވެލި ބާރުކޮށްލުމުން އެ އަންހެންކުއްޖާގެ މުޅި ހެދުމަށް ކިލާ ފެންތައް ބުރައިގެން ދިޔައެވެ. އަންހެންކުއްޖާގެ މޫނުގެ ކުލަވަރު ނުފެނުނަސް އެކުއްޖާއަށް އެކަމުން އުދަގޫވިކަން އެނގުނެވެ. ނަމަވެސް ކާރުގައި ތިބިމީހުންނާއި ދިމާލަށް ނަޒަރު ހުއްޓާލުމުގެ ބަދަލުގައި އޭނަ ފިޔަވަޅުތައް އަވަސްކުރީއެވެ. ވަރިހަމަ ބޮޑު ކުއްޖަކީ ކަން ނޭގެއެވެ.

"ސީރިޔަސްކޮށް މޮޔައަކީތަ؟ ދެނެހުރިކަމަށްވެސް ހަދާނުލި ވިއްޔަ..." ކައިސް ހައިރާންވިއެވެ.

"އަޅާނުލާ އެކަހަލަ ބޭކާރު މީހުންނަށް އަހަރެމެންގެ އަގުހުރި ވަގުތުތައް ބޭކާރު ކުރާނެކަމެއް ނެތް. ހިނގާ ކޮފީއަކަށް. އައި ނީޑް އެ ބޫސްޓް...." މާޒިން ބުނެލިއެވެ. މާޒިން އޭރުވެސް އިނީ އެ އަންހެންކުއްޖާ އޭނަގެ ސުވާލަށް ޖަވާބު ދިންގޮތާއިމެދު ވިސްނާށެވެ. އަޑު ހާދަ ބަރެވެ. ހާދަ ހަރުކަށިއެވެ. މާޒިންގެ ޚިޔާލަށް ގެނެވުނީ ފިލްމެއްގެ ނުބައިބައި ކުޅޭ ދެބައި އުމުރުގެ މީހެކެވެ.

***

ރާހިލް ގަސްތުކުރީ ތަފާތު ތަޖުރިބާއެއްކޮށްލަން ގައުމީ ޔުނިވާސިޓީއިން ތައުލީމު ހާސިލުކުރުމަށެވެ. އަގުބޮޑުކޮށް އަމިއްލަ ތަނަކަށް ދިޔަސް ކިޔެވޭނީ ކިޔަވަންއުޅޭ މީހަކަށެވެ. ރާހިލް ބޭނުންވީ ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. ބެޗެލާ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް މެނޭޖްމެންޓް ކޯސް ހަދަން ފެށުމާއެކު އޭނަ ގިނަވަގުތު ފެންނަނީ ކޮލެޖުންނެވެ. ގޭމް ކުޅުން މަދުކޮށްލިއެވެ. އެކުވެރިންނާއެކު ޖިމަށާއި ރިޒޯޓްތަކަށް އަދި ދަތުރުދާންފެށިއެވެ. އެހެން އުޅެމުން ލޯބިވެރިޔަކު ހޯދިއެވެ. ފްރާންސްގެ ރީތި އަންހެންކުއްޖެކެވެ. އެގެއަށް އައިސް އެކުއްޖާ އުޅުނަސް ސުކައިނާ އެކަމާއި ދެކޮޅަށްވާހަކައެއް ނުދައްކައެވެ. ދިންހާވެސް ނަސޭހަތަކީ އެންމެ އެއްޗެކެވެ.

"ޑޯންޓް މޭކް މީ އެ ނާނާ ޓޫ ސޫން............ "

ރާހިލް ހިނިގަނޑެއް ޖަހައިލިއެވެ.

ސުކައިނާމެންގެ ވިސްނުން ބައްޓަންވެފައިވަނީ ހުޅަގުގެ ފިކުރަށެވެ. އެމީހުން އުޅޭ ގޮތްތައް ރަގަޅެވެ. ދިރިއުޅުން ކާމިޔާބުވާނީ ހުޅަގު ދޮންމީހުން އުޅޭގޮތަކަށް އުޅެގެން ކަމަށް ސުކައިނާވެސް ގަބޫލުކުރެއެވެ. މުއްސަދި އުފާވެރި ދިރިއުޅުމުގައި ޣަރަގުވެފައިވާތީ ބައެއްފަހަރު ހެޔޮމަގު ފެނުމުގެ ނަސީބު ނުލިބި ދުނިޔެ ދޫކޮށްދާން ޖެހެއެވެ. އަބަދަށްޓަކާ ދެމިތިބޭނެ ގޮވަތި މަތިން ހަދާން ނައްތާލާފައި ވަގުތީ ފާލަމުގެ ރީތި ކުލަތަކަށް ހެއްލި އާޚިރަތް ނަގާލެވެނީއެވެ.

***

ސްކައި ޕެލެސްގެ ގޭގެ ވަރުގަދަ ގޭޓާއި ގޭގެ ފެންޑާއާއި ހަމަޔަށް އޮންނަ މަގުގެ ދެފަރާތުގައި ވަނީ މާގަސްތަކާއި ހިޔާދޭ ބޮޑެތި ގަސްތަކުގެ ލޮލަށް ފިނިކަން ލިބޭފަދަ ބަގީޗާއެކެވެ. މަރުމަރު ހިލައިގެ ތަޅުމުގެ ވިދުންގަދަކަމުން ލޯ ތަރަ ތަރަޖަހައެވެ. ފެހިކަން ގަދަ ވިނަތައް އެއްވަރަކަށް ކޮށާލާފައެވެ. ގަސްތަކުގެ ހިޔަލުގައި އިށީންނަން ހުރި ދިގު ގޮނޑިތައް ފަރުމާކޮށްލާފައިވާލެއް އެހާ ހިތްގައިމެވެ. މިގަޑީގައި ރައީސްގެ ދެމަފިރިކަނބަލުންވެސް ހޫނު ކޮފީއަށް އިންސާފުކޮށް އެކަނިވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން އާދައިގެ މަތިން ބެންޗެއްގައި ޖައްސައިލިއެވެ. ފަތިހުގެ ފިނީގައި ދުވަން ގޮސްފައި އައި އަރްސަންއާއި ޖިބްރީލް އެ ދިމާލަށް އައީ ބައްޕަ ގެ ގޮވައިލުމަށް އިޖާބަ ދިނުމަށެވެ.

"ކޮއްކޮމެން ގަދަކަމުން ވެސް ތަންމަތިން ނަގައިގެން ގެންދިޔަނަމަ......"

"އަޅުގަނޑު ރާހިލްގެ ބޮލަށް ގަނޑުފެން އެޅިން. ފާޑަކަށް ތެދުވެ ވަށައިގެން ހޯދާލާފައި އެނދަށް ވެއްޓިގަތީ..މިއަދު ފްރައިޑޭ ވީމަ އެންމެންވެސް ނިދާލަން ބޭނުންވަނީ. ޒިން މާ ވަރެއްގެ މީހެއްނު. ކޮޓަރީގައި ތަންޑެއްވެސް އަޅުވައިގެން އޮންނަނީ......" އަރްސަން ވިނަގަނޑު މަތީ ދެއަތް ވިއްދާލައިގެން އިށީންއިރު މޫނުމަތީ ކޮންމެވެސް ވަރަކަށް ދަލުގެ އަސަރު ހުއްޓެވެ.

"ޒިން ގޯހެއް ހަދާފާނެއޭ ހިތަށް އަރާ ނިދި ނަގައިލި ރޭތަކެއްވެސް އައި. މިހާރު ޔަގީންކަން އޮވޭ. ހީޒް ސްޓްރޯންގް. އެހާ ވަރުގަދަ ހާދިސާއަކުން އަރައިގަންނާކަށް މާ ދުވަހެއް ނުނެގި. އެކަމަކު ޑީޕް ޑައުން ހިތުގައި ނަފްރަތުގެ އޮށް ވަޅުލެވިފައި ވާނެ. ދުވަަހަކު އެކަން ކުރި ޓެރަރިސްޓުންނަށް މާފުކުރާނެކަމެއް ނޭގޭ...." ރައީސް މައިމޫން ބުނެލިއެވެ.

"އަދި އަވަށްޓެރިންނޭ ކިޔާފައި ހަރުކަށި ފިކުރުމީހުން އުޅުމުން ޒިންއަށް މީރާ ހަދާން ނައްތާލަން އުދަގޫވާނެ. ޖެހިގެން މިހިރަ ގެ ބުރިބުރިއަށް ހިއްލައިގެން އެ އާއިލާގެ މީހުން ތިބި ތާކު ތިބެފައި ބަދަލުވެއްޖެ. މޫނު ނިވާކޮށްގެން ތިބޭ މީހުން ފެނުނީމަ ނަފްސާނީ ގޮތުން އަސަރު ކުރޭ. އަދި ޒިން އަށް ކިހާވަރެއް ވާނެ. މައި ޕުއާ ސަން..................." ސުކައިނާ ފުންނޭވައެއް ދޫކޮށްލިއެވެ.

"ހީ ވިލް ބީ އޯކޭ ސްކައި... ހީ ވިލް ޖަސްޓް ބީ ފައިން. ޓައިމް ހީލްސް އެވްރީތިންގް....." މައިމޫން ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ. " އަހަރެމެންގެ ލަވްބާޑްސް އަރްސަން އާއި އަދާ ގެ ގުޅުމުގައި ކައިވެނީގެ ގޮށް ޖަހާނީ ކޮން ދުވަހަކުންތަ؟ ބައްޕަ ހާދަ އިންތިޒާރެއް އެބަކުރަމޭ"

"ފުރަތަމަ ދޮންބެ މެރީ ކުރީމަ."

"ޖިބްރީލް. ވަޓް ޑޫ ޔޫ ހޭވް ޓު ސޭ އެބައުޓް ދިސް..." މައިމޫން ހިނިތުންވެލިއެވެ.

"ވެލް........." ޖިބްރީލްގެ ލޮލުން ކުޑަ ހާސްކަމެއް ފަޅި ސިކުންތުކޮޅަކަށް ފެނިލިޔަސް އޭނަ އެ ޝުއޫރުތައް ވަރަށް އަަވަހަށް ފޮރުވައިފިއެވެ. ޖިބްރީލް ތަންކޮޅެއް ސިއްރުވެރިއެވެ. އެހެން ކުދިން ފަދައިން ގެއަށް އަންހެންކުދިން ގެނެސްގެން އުޅުމަކީ އޭނަ ދުވަހަކު ކުރި ކަމެއް ނޫނެވެ. އޭނަ ދުނިޔެއަަށް އައިގޮތާއިމެދު އަމިއްލަ ނަފުސްވެސް ކުށްވެރި ކުރަނީހެއްޔެވެ؟ އެފަދަ ގުޅުންތައް ދެކެ ހިތްހަމަނުޖެހެން ވީ އެހެން ސަބަބެއް ނެތްތާއެވެ.

"މަންމައަށް ފެންނަނީ ހަތަރު ފިރިހެން ދަރިންގެ ކައިވެނި އެއް ރެއެއްގައި ކުރުން. ހަތަރުކުދިންގެ އިސްކޮޅާއި ހަށިގަނޑުންވެސް މިހާރު ތަފާތެއްނެތް. އަމިއްލައަށް ނުހޯދެންޏާ މަންމަ އެރެންޖް ކޮށްދީފާނަން. މާމައާއި ކާފަވެސް އެބައުޅޭ މިކުދިން ހަޔާތުގެ ބައިވެރިން ނުހޯދައިގެން......" ސުކައިނާ ކުދިންނަށް ބަލަން އިނީ ކުލުނުން ފުރިފައިވާ ނަޒަރަކުންނެވެ.

***

އާލިޔާ ފަތިސް ނަމާދުކޮށްލުމަށްްފަހު އިރުއަރަންދެެން ޒިކުރާއި ދުއާތައް އަދި ގުރުއާން ކިޔެވުމުގައި ދެމި އިނެެވެ. ކޮފީ އެއް ގިރަން ހުރީ ފޯނުން ގުރުއާން އެޕް ޖައްސައިގެންނެވެ. ގާފު ސޫރަތް އަޑު އިވުމުން ގައިން ހީބިހިނެގިއެވެ. ޖަޒުބާތީވެގެންގޮސް ލޮލުން ކަރުނަވެސް ހިލުވާލައިފިއެވެ.

"ކޮންފަދަ ބޮޑު ހިތްހަމަޖެހުމެއް ލިބޭ. މާތް ﷲގެ ކަލާމްފުޅު ހިތަށް ލިބޭ ހަަމަޖެހުން އެހެން ކަމަކާ އަޅުވާ ނުކިޔޭނެ. އަލްހަމްދުލިﷲ............." އާލިޔާ ބެލްކަނީގެ ބިއްލޫރި ދޮރުން ބޭރަށް ބަލައިލިއެވެ. އެއާއެކު ސިހޭގޮތްވިއެވެ. ރައީސްއާއި އަނބިކަނބަލުން އަދި ދަރިން ބަގީޗާ ތެރޭގައި ކޮފީ ބޮނީއެވެ. ރައީސް އާއިލާ ނޫނަސް އެއްވެސް ބަޔެއްގެ އަމިއްލަ ވަގުތުތައް ސިއްރުން ބެލުމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ. އަޖައިބުވަނީ އެއޮތް ބޮޑުގޭގެ ބަގީޗާގެތެރެއިން ފެންނަން ހުރި ތަންކޮޅުގައި އެމީހުން މަޖާކޮށްލަން ތިބީތީއެވެ. އާލިޔާ އަވަހަށް އެތެރެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

***

ސްކައި ޕެލެސްގެ ތެރޭގައި ހަވީރުގެ ސަަަޔަށްފަހު އެންމެންވެސް ސިޓިންރޫމް ތެރެއިން ފެނެއެވެ. މައިމޫންއާއި މާޒިން ރާޒުވާ ކުޅުމުގައެވެ. ޖިބްރީލް އިނީ ފޯނުގައެވެ. އަރްސަންއާއި އަދާ ސޯފާގައި ދާދި ކައިރީގައި އަމިއްލަ ދުނިޔެއެއްގައެވެ.

"ލުކް ޑޭޑް. ތިއްތިބެއަށްވުރެ މާ ބާރުގަދައެއް ނޫންތޯ؟ " ލުއިފަތްކޮޅެއް ނަގާހެން އޭނަގެ މަންމަ އަތްދަނޑިމައްޗަށް އުފުލައިލިއިރު ސުކައިނާ އޮތީ ހެވިފައެވެ. ޖިބްރީލް އެ މަންޒަރު ވީޑިއޯ ކުރިއެވެ.

"ތިއްތިބެއަށްވުރެ ބާރުގަދައޭ ބުނެވޭނީ ކިހިނެއް؟ އަދި ތިއްތިބެ ކުރި ކަމެއް އެގޮތަށް ކޮޕީކޮށްފައި ބާރުގަދައޭ. އޭރު އައި ވޯޒް ފޯޓީން އޭ ލިޓްލް ބްރަދާ. ހަމަ މީގެ ފޮޓޯއެއް މަގޭ އަލްބަމުގައި އިންނާނެ. އެންޑް ދަ ފޮޓޯގްރާޕާ ވޯޒް ޑޭޑް......." އަރްސަން ރާހިލް ރުޅި އަރުވަން ވެގެން ސީރިޔަސް ނަޒަރަކުން ބަލައިލިއެވެ.

"ރާހިލް ކޮއްކޯ. ވަރަށް ކުށްވެރިވެއްޖެ. ޔޫ ޑިޑް ސަމްތިން އަންއެކްސެޕްޓަބްލް.. އައި މީން މިކަހަލަ ސްޓޭޓަސްތަކާ ޓްވީޓްތައް ޖަހަން ފެށީމަ ކާފަރެކޭ ކިޔައިގެން މިއުޅޭ މީހުން ކޮންމެ ފަދަ ނުބައިކަމެއްވެސް ކޮށްފާނެ........." ޖިބްރީލް ތެދުވެގެން ގޮސް އޭނަގެ މަންމައަށް ޓްވިޓާ ހުޅުވާފައި ދެއްކިއެވެ.

ރާހިލް ކުއްލިއަކަށް ހާސްވިއެވެ. މޫނު ރަތްވިއެވެ.

"ވައި ރާހިލް..އަދަބު ލިބޭނެ މިހާރުވެސް ޓުމާޓޯއެއްހެން ރަތް އަރާފައި. އަޅުގަނޑު ހީކުރަނީ ބްލަޝްވަނީ އަންހެންކުދިން ކަމަށް...... ދޯ މަހާ.........." އަރްސަންއަށް ވީ ކަމެއް ނޭގުނަސް ސުވާލުކުރިއެވެ.

"ކަމޮން ޑާލިން.. ޖަސްޓް އިގްނޯ. އެކަހަލަ ލޫޒާސް އިން އެވައްތަރަށް އުޅޭނެ......" ސުކައިނާ ހެމުން ޖިބްރީލްގެ ކޮލުގައި ހިފައިލިއެވެ.

"މަންމަ ހާދަ ލައިޓް ކޮށް ތި ނެގީ؟ " ޖިބްރީލް އޭނަގެ ބައްޕައަށްވެސް ރާހިލްގެ އެފްބީއާއި ޓްވިޓާ ދެއްކިއެވެ. ރާހިލްގެ ހުރިހާ ސްްޓޭޓަސްއެއްގައިވަނީ ނުސީދާކޮށް ދީނީ ކަންތައްތަކާއި ބެހޭގޮތުން ސުވާލު އުފައްދާފައެވެ. މިހާރު ރާހިލްގެ ޓްވީޓްތައް އެތައް ބަޔަކު ހިއްސާކޮށް ލައިކް ދީފިއެވެ. ބައެއް މީހުން ވަރަށް ހަރުކަށިކޮށް ރައްދު ދީފައި ދުއްވާލާނަމޭ ބުނެފައި ހުއްޓެވެ.

"އަޅުގަނޑު ބިރުގަންނަނީ އެކްސްޓްރީމިސްޓުން ކޮއްކޮއަށް އަނިޔާއެއް ކޮށްފާނެތީ. މިގޮތަށް ބުނާ އެއްޗެހި އިގްނޯ ކުރާކަށްވެސް ނުވާނެ. އެއީ ނުރައްކާތެރި ބަޔެއް. އިންސާނުންގެ ބޯ ކަނޑައިގަތުމަކީ އެމީހުންނަށް މަދިރި އެއް މަރައިލުން ހާ ފަސޭހަކަމެއް.." ޖިބްރީލް ބުނެލިއެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެންމެނަށް ލިބިފައިވާ ހައްގެއް ދަރިފުޅާ....." ސުކައިނާ ހުރީ ރާޙިލްއާއި އެއްކޮޅަށެވެ.

"ނޫން އެކަން ހުއްޓެންޖެހޭނެ. ރާހިލް އަޑުއިވޭތަ؟ ރިމޫވް އޯލް ދިސް ފ.......ޝިޓް.." ޖިބްރީލް ހަރުކަށިކޮށް ދަތްތަކަށް ބާރުކޮށްފައި ބުނެލިގޮތުން ސުކައިނާވެސް ދެލޯ ބޮޑުވިއެވެ.

"މައިންޑް ޔޯ ލެންގުއޭޖް ޖިބްރީލް....." ސުކައިނާ ގެ ނަޒަރާއި އަަޑުގައިވެސް ހަރުކަށިކަން ވިއެވެ. އެއީ މަދުން ނޫނީ ސުކައިނާގެ ދަރިންނަށް ފެންނަ ފަރާތެއް ނޫނެވެ. ގިނަފަހަރު ފެންނާނީ "ކޫލް" ދަރިންދެކެ އިންތިހާއަށް ލޯބިވެ ގުރުބާންވާ މަންމައެވެ.

"އައިމް ސޮރީ...." ޖިބްރީލް ހަރުކޮށް ހިނގާފައިގޮސް ސިޑިން އަރައިގެން ގޮސް ލޯމަތިން ގެއްލުނެވެ. އެންމެންގެ އުފާވެރި މޫޑު ބަދަލުވެ ވައިގާ ނުތަނަވަސްކަން ހިފިއެވެ.

"އަޅުގަނޑު އަންނާނަން އަދާ ގެއަށް ލާފައި.." އަރްސަންވެސް ބޭނުންވީ އަވަހަށް އެތަނުން ސަލާމަތްވާށެވެ.

މައިމޫންއާއި ސުކައިނާ ރާހިލްއަށް ވިސްނައިދިނީ ދީނާއި ފުށުއަރާގޮތަށް އެއްވެސް އެއްޗެއް ނުލިޔުމަށެވެ. އިލްމުވެރިންނަށް ބަސް ނުބުނުމަށެވެ. ރާހިލް ބައްޕަގެ ނަސޭހަތް ކަނުލާ އަހަން އިނެވެ.

"ދަރިފުޅާ. ބައްޕަމެން ބޭނުންވަނީ މޮޑެރޭޓްކޮށް އުޅެން. ހަރުކަށި ފިކުރު މައްސަލަަތައް މިހާ ބޮޑުވެ މައުސޫމް ފުރާނަތައް ދުއްވާލާ އިރު ދަރިފުޅުވެސް ވިސްނައިގެން އުޅެން ޖެހޭނީ. މިނިވަން ކަން އޮތަސް ބުނެވޭ ބަހަކުން އުމުރަށް ހިތާމަކުރަން ޖެހިދާނެ. ދަރިފުޅު ދީނަށް ބަދު ބަހެއް ބުނެފައެއްނެތް. އޮޅުން އަރާ ކަންތައްތައް އިލްމުވެރިން ކައިރިން ސުވާލުކޮށްފައި އޮތީ. އެކަމަކު ދަރިފުޅު ބަލައިލާ. ހަރުކަށި މީހުން ޓްވީޓާގައި ކެކި އަރަނީ.............." މައިމޫން ރާހިލްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"ކަޓު މުއްލާއިން......" ސުކައިނާ ކޮޅަށް ހުރިއިރު ރާޙިލްގެ ޓްވިޓަރއާއި ފޭސްބުކް ގައިވާހާ އެއްޗަކާއި ކޮމެންޓްތައް ބެލިއެވެ. ސުކައިނާގެ މޫނުގެ ކުލަވަރު އެތައްފަހަރު ބަދަލުވިއެވެ.

"އެފްބީގައިވެސް އެމީހުން ވަރަށް އެއްޗެހި އެބަކިޔާ. އައި ޑޯންޓް މައިންޑް..އެކަަމަކު އަޅުގަނޑު ބައްޕައާއި މަންމަގެ ނަސޭހަތް އަޑުއަހާނަން. އިތުރަށް ނުލިޔާނަން..." ރާހިލް ގެ ޖަވާބުން މައިމޫން ދަރިފުޅުދެކެ ފަޚުރުވެރިވާ ވާހަކަ ބުނަމުން ނިތުގައި ބޮސްދިނެވެ.

"މަންމަ ދޫނިއަށް ކޮންހާ އިންޒާރެއް ކުރާކަށް. ހަސަދަވެރިވެގެން ކިޔާހާ އެއްޗެހި...އެންމެނަށް ރައީސެއްގެ ދަރިއަކަށްވެސް ނުވެވޭނެ ދޯ......." ސުކައިނާ ރާހިލްގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. މާޒިންއިނީ ރުޅިއައިސް ފަޅައިގެންދާ ވަރުވެފައެވެ. ރާހިލްއަށް އިންޒާރު ކުރި މީހުން ޖެހޭނީ ޖަލުގެ ގޮޅިތަކުގައި ތިބޭށެވެ. ޔަގީނުންވެސް އޭނަގެ ބައްޕައާއި ބޮޑުބޭބެ އެ އިންޒާރުތައް އާދައިގެ ކަމެއްގެ ގޮތުގައި ބަލައި ނުގަންނާނެއެވެ.

***

އާލިޔާ އޭނަގެ ދޮންބެއާއެކު ސައިކަލަށް އަރަން ދިޔައިރު ރައީސްމެންގެ ގޭގެ ދޮރާށި ދޮށުގައި ދެ ޒުވާނުން ތިބިކަން އެނގި އާލިޔާ ކަންބޮޑުވާގޮތްވިއެވެ. އެހާ ފޮރުވިގެން ހުރިއިރުވެސް އެހެން މީހުންގެ ނަޒަރުން އޭނައަށް އުދަގޫވެއެވެ. އެހެންލާފައި ނުގޮސް އަނބުރާލާފައި ދާން ދޮންބެ ކައިރީ ބުނަން ހިތަށް އެރިއެވެ. އާލިޔާ އެހިސާބާއި އަރާ ހަމަވެފައި އެޒުވާނުންނަށް ބެލުނީ ކޮންމެހެން ބަލާކަށް ނޫނެވެ. އެދެމީހުން ބަލާތޯ ބަލަންވެގެންނެވެ. މާޒިން ހުރީ ގޭޓަށް ލެނގިލައިގެން ފާޑަކަށް ބަލާށެވެ.

"ލަންޑަނަށް ދިން ހަމަލާއަށްފަހު މަޝްހޫރުވި ރައީސްގެ ދަރިފުޅު މާޒިން......މާޒިން އަހުމަދު މައިމޫން.." އާލިޔާ ހިތާހިތުން ކިޔައިލިއެވެ. ދެން ހުރި ޒުވާނާ ހުރީ ނިކަން ފާޑަކަށް ހިނި އައިސްފައެވެ. މާޒިން ގާތު އޭނަ ބުނި އެއްޗަކަށް ދެމީހުންވެސް ހޭންފެށިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު