އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ޖުލައި 30، 2019: ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ޝަރީފް (ކ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފަހުން ބީއެމްއެލްއިން އިސްތިއުފާދެއްވި އެބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ކުރީގެ ސީއޯއޯ މުހައްމަދު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފަންސަވީސް އަހަރު ބޭންކުގައި ހިދުމަތް ކުރެއްވުމަށް ފަހު ޝަރީފް، މި މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ބީއެމްއެލްއިން ވެސް އަދި އޭނާ ވެސް ހާމަކޮށްފައެއް ނުވެ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަރީފް އިސްތިއުފާ ދެއްވީ މިހާރު ކުރިއަށް ދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ތެރެއިން، އެ ހިޔާނާތުގައި ޝަރީފްގެ ބައިވެރިވުންތަކެއް އޮތް ކަމުގެ ހެކިތައް ފެނުމާ ގުޅިގެން، އޭނާ އިސްތިއުފާ ދިނުމަށް ސަރުކާރުން އެންގުމުންނެވެ.

އެނގިފައިވާ ގޮތުގައި ޝަރީފްއަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ކޯޓް އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ވަނީ މިހާރު ހިފަހައްޓައިފަ އެވެ. ޕާސްޕޯޓް ހިފެހެއްޓީ، ތަހުގީގީ އިދާރާތަކުން އެދިގެންކަން ވެސް އެނގިފައިވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެމްއެމްޕީއާރުސީގެ ތަހުގީގުގައި އެކި ފަހަރުމަތިން ޝަރީފްއާ ސުވާލުކޮށްފައިވާ ކަމަށްވެސްވެ އެވެ.

ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބުނު ތިން ބިލިއަނެއްހާ ރުފިޔާ، އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރީ އެމްއެމްޕީއާރުސީއަށް ލިބުނު ޗެކްތައް އެންޑޯސްކޮށް އޯސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޖަމާކޮށްދީގެންނެވެ.

އެންޑޯސްކޮށްގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި އެމްއެމްޕީއާރުސީގެ ޗެކްތަކުގެ ތެރޭގައި ޗެކް އިޝޫ ކުރާ އެކައުންޓް ފިޔަވާ އެހެން އެކައުންޓަކަށް ޖަމާކުރުނ މަނާ "ކްރޮސް ޗެކް" ވެސް ހިމެނޭކަން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހިންގި ތަހުގީގެއްގެ ތެރެއިން ވަނީ ފަޅައިއަރައިފަ އެވެ. އަދި އެ މައްސައިގައި، ޝަރީފް ކޮމިޓީގައި އިތުރުފުޅު ހެއްދެވިކަން ވެސް ހާމަވެ، އޭނާގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް މަޖިލީހުގެ އިދާރާއިން ފުލުހަށް ވެސް މައްސަލަ ހުށަހެޅި އެވެ.

comment ކޮމެންޓް