ކޮވިޑް 19: ހަތް ގައުމަކަށް ދަތުރު ކުރާއިރު ސަމާލުވާން އަންގައިފި

އާ ކޮރޯނާވައިރަަަސް ޗައިނާގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހު -- ފޮޓޯ: އޭޕީ

ކޮރޯނާވައިރަސް (ކޮވިޑް 19) ފެތުރޭ ހަތް ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސްގެ ހާލަތު އެ އެޖެންސީ އިން ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިންވެސް ކޮވިޑް ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިންވަނީ މިގގޮތަށް ބަލި ފެތުރޭ ހަތް ގައުމެއް ފާހަގަކޮށް އެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެ ގައުމުތަކަކީ ޖަޕާން، ސިންގަޕޫރު، ހޮންކޮންގް، ސައުތު ކޮރެއާ، ތައިލެންޑް، އިރާން އަދި އިޓަލީ އެވެ.

އެޗްޕީއޭއިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު އެ ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރާމެދު ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފައެވެ. އެގޮތުން ޗައިނާއިން ރާއްޖެ އަންނަ ފްލައިޓުތައް ހުއްޓާލުމުގެ އިތުރުން، ރާއްޖެ އައުމުގެ ކުރިން 14 ދުވަހުގެ ތެރޭ އެގައުމަށް ދަތުރުކޮށްފައިވާ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭގޮތަށް ސަލާމަތީ ކަންތައް ވަނީ ވަރުގަދަކޮށްފައެވެ.

މިބަލި ފެތުރެންފެށީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. ބަލީގައި މިހާތަނަށް 2،360 މީހުން މަރުވެފައިވާއިރު 27 ގައުމަކުން މި ބަލި ވަނީ ފެނިފައެވެ.

comment ކޮމެންޓް