ފަޅު ރަށްތަކާ ބެހޭ އެގްރީމަންޓުތަކުގެ ކޮޕީ ހިއްސާކުރަން އަންގައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުން -- ފޮޓޯ/އައިކޮމް

އެމްއެމްޕީއާރްސީއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ބެހޭ މައުލޫމާތު މޯލްޑިވްސް ޓްރޭޑް ޔުނިއަންއާ ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މިއަދު ޓުއަރިޒަމް މިނިސްޓްރީއަށް އަންގައިފި އެވެ.

ޓްރޭޑް ޔޫނިއަން އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގައި އެދުނީ ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން އެމްއެމްޕީއާރްސީއަށް އެއްވެސް ފަޅު ރަށެއް ކުއްޔަށް ދޫކޮށްފައިވޭތޯ އާއި، ދީފައިވާނަމަ އެ ރަށެއްގެ ލީސް އެގްރީމަންޓްގެ ކޮޕީއެއް ހޯދުމަށެވެ.

ނަމަވެސް ޓުއަރިޒަމް މިނިސްޓްރީ އެ މައުލޫމާތު ނުދިން ކަމަށް ބުނެ، ޓްރޭޑް ޔޫނިއަން އިން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ. ޓްރޭޑް ޔޫނިއަންގެ ފަރާތުން އެ މައްސަލަ ކޮމިޝަނަރުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޝިފްޒާ އުމަރެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ދުވަހު ބޭއްވި އަޑުއެހުމަށް ޓުއަރިޒަމް މިނިސްޓްރީން ހާޒިރުވެފައެއް ނުވެ އެވެ. ނަމަވެސް މިއަދު 10:00 ގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ދެ ފަރާތުން ވެސް ވަނީ ހާޒިރުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝާން ކޮމިޝަނަރު ފިޔާޒް ވަނީ ޝިފްޒާ ހޯދަން އެދުނު ލީސް އެގްރިމެންޓުތަކުގެ މައުލޫމާތު ވީހާވެސް އަވަހަކަށް އޭނާއަށް ދިނުމަށް އަންގަވައިފަ އެވެ.

ޓުއަރިޒަމް މިނިސްޓްރީން މީގެކުރިން ޓްރޭޑް ޔޫނިއަން އަށް ފޮނުވި ޖަވާބުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރުވެސް ތަހުގީގެއް ކުރިއަށް ގެންދާތީ އެއީ ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ.

ނަމަވެސް ފިޔާޒް މިއަދު ނިންމެވީ ޓްރޭޑް ޔޫނިއަންގެ ފަރާތުން ހޯދަން އެދިފައިވާ މައުލޫމާތުގެ ތެރެއިން ލީސް އެގްރީމަންޓުތަކާއި ސަބްލީސް އެގްރީމަންޓުތަކަކީ ދޫކުރެވޭނެ މައުލޫމާތެއް ކަމަށެވެ.

ފިޔާޒްގެ ނިންމެވުމާ ގުޅިގެން މިނިސްޓްރީން ވަނީ ޓްރޭޑް ޔޫނިއަން އިން ހޯދަން އެދިފައި ވަނީ އެހެން ފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ބުނެ، ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިފަ އެވެ.

ނަމަވެސް ފިޔާޒް އެ ފުރުސަތެއް ނުދެއްވި އެވެ. ފިޔާޒް ވިދާޅުވީ އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް މިހާރު ވެސް މާބޮޑަށް ލަސްވެފައިވާ ކަމަށެވެ. އަދި ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއި، ރަށްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުރިއިރު، އެ މައުލޫމާތު ހިއްސާނުކުރަން ޓޫރިޒަމުން މިހާރު ދައްކާ ހުއްޖަތް ގަބޫލު ނުކުރެވޭ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް