އަދުރޭގެ ދަރިފުޅުގެ ދެމަފިރިންނަށް ޕްރާޑާ އައިނު ހައްދަން އެމްބަސީ ބަޖެޓުން 72،000 ރުފިޔާ!

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އޭނާގެ ދަރިފުޅު ފައިސަލް އިބްރާހީމް --

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހީމް އާއި އޭނާގެ އަނބިކަނބަލުންނަށް އައިނު ހައްދަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ ބަޖެޓުން 72،000 ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ އޮޑިޓާ ޖެނެރަލް އާންމުކުރައްވާފައިވާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުންނެވެ.

އެ އޮޑިޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލަށް 2017 ވަނަ އަހަރު ގެނައި އިސްލާޙުގައި ފުރިހަމަ އިންޝޫރަންސް ހިދުމަތް ލިބެން ނުހުންނަ ގައުމުތަކުގައި "އޯޕީޑީ" ނުވަތަ އިންޝޫރަންސް ސްކީމުން ހަރަދު ނުލިބޭ ކަންކަމަށް ފައިސާ ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި އުސޫލުގެ ދަށުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖެ އެމްބަސީގެ މުވައްޒަފުން އެ ގައުމުގައި ހިންގާ އިންޝޫރަންސް ސްކީމެއްގައި ބައިވެރިކޮށްފައި ވާކަމަށާއި އެހެން ނަމަވެސް، އެ ސްކީމުގެ ބޭރުން ހޯދާފައިވާ ހިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ހަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ-ކައުންސަލަރ އާއި އޭނާގެ އަނބިކަނބަލުންނަށް "ޕްރާޑާ" ބްރޭންޑުގެ އައިނު ހެއްދުމަށް ޖުމުލަ 72،438 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެ މުއްދަތުގައި މެލޭޝިޔާ އެމްބަސީގެ މިނިސްޓަރ-ކައުންސަލަރގެ މަގާމުގައި ހުންނެވީ ފައިސަލް އެވެ.

މީގެ އިތުރުން އެމްބަސީއަށް ކަނޑައަޅާފައި ހުންނެވި ސަފީރާއި ސަފީރުގެ އަނބިކަނބަލުންގެ މެޑިކަލް ޗެކަޕް ހެއްދެވުމަށް އެމްބަސީގެ ބަޖެޓުން 26،360 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓުގައި ބުނާ މުއްދަތުގައި މެލޭޝިއާގެ ސަފީރަކަށް ހުންނެވީ މުހައްމަދު ފަހުމީ ހަސަނެވެ. ފަހުމީ ވަނީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

އޮޑިޓު އޮފީހުން ބުނީ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތައް ދެމުންގެންދާ
އުސޫލަށް ބަލާއިރު، މި ހަރަދުތަކަކީ މިގޮތަށް ކުރެވިދާނެ ހަރަދުތަކެއް ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ. އަދި މިއީ އާންމު އުސޫލާ ހިލާފަށް ކޮށްފައިވާ ހަރަދެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ދައުލަތުގތެ ހަރަދުގައި އިންޝުއަރެންސް ސްކީމެއްގައި މުވައްޒަފުން ބައިވެރިކުރުމަށްފަހު އޭގެ ބޭރުން އެ މުވައްޒަފެއްގެ ސިއްހީ ކަންކަމަށް ދައުލަތުން ހަރަދުކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

އެހެންކަމުން އިންޝޫރަންސް ސްކީމެއްގައި ބައިވެރިކޮށްފައިވާ މުވައްޒަފުންގެ ސިއްހީ ފަރުވާގެ ކަންކަން އެ ސްކީމުގެ ތެރެއިން
ހަމަޖެއްސުމަށާއި، އޭގެ ބޭރުން މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިދަރިންގެ ސިއްހީ ކަންކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް
ހަރަދެއް ނުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފައެވެ.

އަދ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ދައުލަތުގެ ހަރަދު ކުޑަކޮށް، އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ބަޖެޓު ހަރަދުތައް ހަމަޖައްސައި އާންމު އުސޫލާ ހިލާފަށް ކޮށްފައިވާ ހަރަދުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން، އެ ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން ވެސް ވަނީ އަންގައިފައެވެ.

comment ކޮމެންޓް