ލެސްޓާ އަތުން ސިޓީ މޮޅުވި އިރު ޗެލްސީ ގަދަ ހަތަރެއްގައި ހަމަޖެހިލައިފި

ޓޮޓެންހަމް ކޮޅަށް ގޯލު ޖެހުމަށްފަހު ޗެލްސީގެ ފޯވާޑް އޮލިވާ ޖިރޫޑް އުފާފާޅު ކުރަނީ --- ފޮޓޯ: ބެން ސްޕްރަޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީން ދެވަނައިގައި ފަރަގު ބޮޑު ކުރި އިރު ޓޮޓެންހަމް ބަލިކޮށް ޗެލްސީއިން ގަދަ ހަތަރެއްގައި ހަމަޖެހިލައިފިއެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު ވާދަވެރި މެޗުން ސިޓީ ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ހޯދި މޮޅާ އެކު ސިޓީ މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 27 މެޗު ކުޅެގެން 57 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވި ލެސްޓާ ސިޓީ 50 ޕޮއިންޓާ އެކު ތިންވަނައިގައި އޮތް އިރު ލިވަޕޫލް އެއްވަނައިގައި އޮތީ 76 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ އެ މެޗުގައި ވީއޭއާރުގެ ނިންމުންތަކަށް ލެސްޓާއިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ސިޓީގެ އޭރިއާތެރެއިން އެ ޓީމުގެ މިޑްފީލްޑަރު ކެވިން ޑެބްރީނާގެ އަތުގައި ބޯޅަ ޖެހުނުތަން ވީޑީއޯއިން ވަރަށް ސާފުކޮށް ފެންނަން އޮތް ނަމަވެސް އެއީ ޕެނަލްޓީއެއް ނޫންކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ސިޓީއން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސް އެވެ. އޭގެ ކުރިން ސިޓީއަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފޮނުވާލި އިރު ލެސްޓާގެ ކީޕަރު ޕީޓާ ޝްމައިކަލް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. ސިޓީއިން އެންމެ ފަހުން ލީގުގައި ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުވެފައި ނުވާ އިރު މިއީ ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު 27 މެޗުން 44 ޕޮއިންޓް ހޯދައި ގަދަ ހަތަރެއްގައި ޗެލްސީއިން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ރޭގެ މެޗުން ބަލިވި ޓޮޓެންހަމް ފަސްވަނައަށް ވެއްޓިފައިވާ އިރު އެ ޓީމަށް ލިބެނީ 40 ޕޮއިންޓް އެވެ.

އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ޓޮޓެންހަމުން މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި ވެސް ބަލިވެފައިވާ އިރު ޓީމުގެ ސްކޮޑާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި ޗެލްސީއަށް ގޯލު ހުޅުވައިދިނީ ފޯމު ކެޓުމާއި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބެންޗުގައި އިނުމަށްފަހު އެނބުރި އައިސް ކުޅެން ފެށި އޮލިވިއޭ ޖިރޫޑް އެވެ. އެ ޓީމަށް ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކޮށްދިނީ މާކޯސް އެލޮންސޯ އެވެ. ޓޮޓެންހަމަށް އެ މެޗުގައި ނަތީޖާގެ ފަރަގު ކުޑަވީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއީ ރުޑިގާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.

comment ކޮމެންޓް