ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ކުޑަވާތީ ޑަބްލިޔުއެޗްއޯ ކަންބޮޑުވެއްޖެ

ޑރ. ޓެޑްރޯޒް އެޑްނޮމް ގެބްރިޔޭސުސް ---

ތެހެރާން (23 ފެބްރުއަރީ 2020) : ކޮވިޑް-19 ވައިރަސް އާ ގުޅިގެން އީރާނުގެ އަށް ޕްރޮވިންސެއްގައި ކިޔެވުން ވަގުތީ ގޮތުން ހުއްޓާލުމާ އެކު ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ކުޑަވެ ހަނިވަމުން ދާކަމަށް ވިދާޅުވެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯޒް އެޑްނޮމް ގެބްރިޔޭސުސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. ޓެޑްރޯޒް އެޑްނޮމް ގެބްރިޔޭސުސް ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ހަނިވަމުންދާކަމަށް ވިދާޅުވެ ވާހަކަ ދެއްކެވީ ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކާ ސީދާ ގުޅުންނެތް ބައެއް މީހުން ވެސް އެވައިރަސްއަށް ޕޮޒިޓިވް ވިކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުންނެވެ. އީރާނާއި އިޓަލީ އަދި ދެކުނު ކޮރެއާއިން މީގެ ބައެއް ހާލަތްތައް ފެނުނުކަން ވަނީ ހާމަވެފަ އެވެ.

އީރާނުގެ މަސްއޫލުވެރިން ވިދާޅުވީ އެގައުމުގެ އަށް ޕްރޮވިންސެއްގައި ކިޔެވުން ވަގުތީ ގޮތުން ހުއްޓާލައިފި ކަމަށާއި މިއީ އެގައުމުގައި ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމުގަ އެވެ. މި ފިޔަވަޅުއެޅި އިތުރު 10 މީހުން އެ ވައިރަސްއަށް ޕޮޒިޓިވް ވުމުން ކަމަށާއި އޭގެތެރޭގައި ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކާ ސީދާ ގުޅުންނެތް މީހަކު ވެސް ހިމެނޭ ކަމުގަ އެވެ.

އީރާނުގައި ކޮވިޑް 19 އާ ދެކޮޅަށް މަސައްކަތް ކުރަނީ

އިއްޔެ ޕޮޒިޓިވް ވި 10 މީހުންނާ އެކު އީރާނުގައި ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 29 އަށް އަރައިފަ އެވެ. އަދި މި ރޯގާގައި އީރާނުން މިހާތަނަށް ވަނީ ހަ މީހަކު މަރުވެފަ އެވެ. އީރާނުގައި ކިޔެވުން މެދުކަނޑާލި ޕްރޮވިންސްތަކަކީ ވެރިރަށް ތެހެރާން، ގުމް، ހަމަދާން، ގަޒްވީން، ޣީލާން، އަރްދަބީލް، މަރުކަޒީ، އަލްބަޒް ހިމެނެ އެވެ. ކިޔެވުން މެދުކަނޑާލުމަށް އީރާނުގެ މަރުކަޒީ ސަރުކާރުން ނެރުނު ގަރާރުގައި ސްކޫލްތަކާއި ފަންނީ ތައުލީމުދޭ އިންސްޓިޓިއުޓްތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އާންމުތަންތަނަށް މީހުން އެއްނުވުމަށާއި އޮފިސްތަކާއި ކާރުޚާނާތަކާއި މަސައްކަތްކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް އީރާނުގެ މައިސަރުކާރުން އެ ޕްރޮވިންސްތަކުގެ ލޯކަލް ސަރުކާރުތަކަށްވަނީ އަންގާފަ އެވެ. އީރާނުގެ ބައެއް ޕްރޮވިންސްތަކުގައި ތައުލީމީ މުއައްސަސާތަކުގެ ކިޔެވުން ވަގުތީ ގޮތުން ހުއްޓާލީ އެއީ މީހުން ގިނަ އަދި ގައިގޯޅިކޮށް އުޅޭގޮތަށް މާހައުލު އޮންނަ ތަންތަންކަމަށްވާތީ ކަމަށް އެގައުމުގެ މައި ސަރުކާރުން ބުނެފައިވެ އެވެ.

ގެބްރިޔޭސުސް ވަނީ ކޮވިޑް-19 ވައިރަސް އާ ގުޅުން ނެތް މީހުންގެ ހަށިގަނޑުން އެ ވައިރަސް ފެންނަމުންދާކަމީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ. އެ ބަޔާނުގައި ޗައިނާގެ ހުބެއި ޕްރޮވިންސް ފިޔަވައި އެހެން ޕްރޮވިންސްތަކުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާކަމީ އުންމީދީ ކަމެއްކަން ފާހަގަ ކުރެއްވި ނަމަވެސް އެ ވައިރަސް ފެތުރެމުންދާ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ގެބްރިޔޭސުސް ވިދާޅުވި އެވެ. ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ހަނިވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، އެ ވައިރަސް އާ ދެކޮޅަށް ޗައިނާއާއި އެނޫން ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާތީ އެ ވައިރަސް ކޮންޓްރޯލް ކުރުމުގެ ފުރްސަތު އަދި ވެސް އެބައޮތް ކަމަށް ޑރ. ޓެޑްރޯޒް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް